ENGLISH
04 މޭ 2026
މަރުކަޒީ ބޭންކުން މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑް ތައާރަފްކުރަނީ
04 މޭ 2026
|
އެމްއެމްއޭގެ އިމާރާތް
އެންމެ މަޤްބޫލު
މާލީ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑުގެ ނަމުގައި އެވޯޑެއް ތައާރަފްކުރުމަށް ނިންމައިފި އެވެ.
މި އެވޯޑަކީ މާލީ އިދާރާތަކުން ހޯދަމުންދާ ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް އެ އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރުމަށް ދެވޭ އެވޯޑެއް ކަމަށް މަރުކަޒީ ބޭންކުން ހާމަކުރެ އެވެ.
މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސްގައި ޖުމްލަ ހަތް އެވޯޑު ދިނުމަށް އެމްއެމްއޭއިން ވަނީ ނިންމާފަ އެވެ. އެއީ މާލީ ނިޒާމު ހަރުދަނާކުރުމަށް އެމް.އެމް.އޭއިން ޚާއްސަ އަހުމިއްޔަތުކަންދޭ ދާއިރާތައް ކަމަށްވާ މާލީ ބައިވެރިވުން އިތުރުކުރުމާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމާއި، ޑިޖިޓަލް ފައިނޭންސް ފުޅާކުރުމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަ މާލީ ޚިދުމަތްތައް އިތުރުކުރުމާއި އަދި ގްރީން ފައިނޭންސް ކުރިއެރުވުމާ ގުޅޭ ދާއިރާތަކުން ނެވެ.
އެމްއެމްއޭގެ އަމާޒަކީ މި އެވޯޑުގެ ސަބަބުން މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ، ހުރިހާ ދާއިރާއެއް ޝާމިލުވާ ފަދަ މާލީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބާރުއެޅުމެވެ. އަދި މިއީ ދާއިރާގެ ވާދަވެރިކަން އިތުރުވެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބާރުއެޅޭނެ ކަމެއް ކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.
މި އެވޯޑްތަކަށް ޝަރުތުހަމަވާ މާލީ އިދާރާތަކަށް އެވޯޑްތަކަށް ކުރިމަތިލުމަށް މިހާރު ހުޅުވާލެވިފައިވާއިރު، އެވޯޑް ލިބޭ ފަރާތްތައް އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ އެކަމަށްޓަކާ ޚާއްސަކޮށްގެން ޖުލައި މަހުގެ ފުރަތަމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތެއްގަ އެވެ.