ENGLISH

04 މޭ 2026

Advertisement

ގައުމީ ބޭންކްގެ ގޮތްޕެއް ލަންކާގައި ގާއިމުކުރަން މަޝްވަރާކުރަނީ

04 މޭ 2026

|

އައިމިނަތު ޝަފާ

ގައުމީ ބޭންކް-- ބީއެމްއެލްގެ މަރުކަޒު

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ގައުމީ ބޭންކް-- ބީއެމްއެލްގެ ގޮތްޕެއް ލަންކާގައި ގާއިމުކުރަން މަޝްވަރާކުރައްވާނެކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވެއްޖެ އެވެ. 

އެމްއެމްޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ތަރުޖަމާނު ވިދާޅުވީ ދެ ގައުމުގެ ދެ ރައީސުންގެ ދެމެދުގައި ކުރިއަށްދާ ރަސްމީ މަޝްވަރާތަކުގައި މާލީ ދާއިރާ ކުރިއަރުވަން ހާއްސަ އިސްކަމެއް ދިނުމުގެ މަޝްވަރާތައް ކުރައްވާނެ ކަމަށެވެ.

އެގޮތުން ސްރީލަންކާއަށް ދިވެހިން އިންވެސްޓްކޮށް ދިވެހިރާއްޖޭގެ އިންވެސްޓުމަންޓްތައް ލަންކާއަށް ގެނެވޭނެގޮތްތައް ފަހިކުރުމަށް މަޝްވަރާކުރައްވާނެކަމަށް ވިދާޅުވި އެވެ. 

"އޭގެ ތެރޭގައި ބޭންކިންއަކީ ވަރަށް މުހިންމު އެއް ވާހަކައަކަށް ވާނެ. އަޅުގަނޑުމެންގެ ގައުމީ ބޭންކް-- ބޭންކް އޮފް މޯލްޑިވްސް (ގެ ގޮތްޕެއް) ލަންކާގައި ހުޅުވުމާއި، އެބޭފުޅުން (މިކަމަށް ލަންކާ ސަރުކާރު) ގެ އަރިހުން ހުއްދަ ހޯދުމާއި، އެ ޕްރޮސެސް ކުރިއަށްދާނެ. ބޭންކް އޮފް ސިލޯނު ވަރަށް ގިނަ ދުވަސްވެއްޖެ ރާއްޖޭގައި ހިންގާތާ. ބީއެމްއެލްގެ ވެސް ތަސައްވުރެއް އެބައޮތް އެ ބޭންކުގެ ގޮތްޕެއް ލަންކާގައި ހުޅުވަން،". ތަރުޖަމާން ވިދާޅުވި އެވެ. 

މީގެ އިތުރުންވެސް ލަންކާގެ ވިސާ ހޯދުމަށް ދިވެހިން އުފުލަމުންގެންދާ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމުގެ މަޝްވަރާތައް ވެސް ދެ ރައީސުންގެ ދެމެދުގައި ކުރިއަށްގެންދާ މަޝްވަރާތަކުގެ ތެރެއިން ކުރެވޭނެކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. 

ބޭންކް އޮފް ސިލޯނަކީ ރާއްޖޭގައި ހިދުމަތްލިބޭ ސްރީ ލަންކާގެ ހަމަ އެކަނި ބޭންކެވެ. ބޭންކު އޮފް ސިލޯނު އެންމެ ފުރަތަމަ އުފައްދާފައިވަނީ 1939 ވަނަ އަހަރު އެވެ. ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ބޭންކިންގެ ހިދުމަތް ފެށީ 1981 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު