ENGLISH
04 މޭ 2026
ލަންކާގެ ބަރުލަމާނުގެ ރައީސް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
04 މޭ 2026
|
ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އެމަނިކުފާނުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސްގެ އަރިހަށް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ދެ ބޭފުޅުންވަނީ ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުމާމެދު ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން މި ގުޅުމަކީ ހަމައެކަނި ސިޔާސީ ގުޅުމެއް ނޫންކަމާއި ދެ ގައުމުގެ ރައްޔިތުންގެ މެދުގައިވެސް ހާއްސަ ގުޅުމެއް އުފެދިފައިވާކަން ދެ ބޭފުޅުންމެ ފާހަގަކުރެއްވިއެވެ.
އޭގެ އިތުރަށް ރާއްޖެއާއި ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން ހަރުދަނާކުރުމުގެ ގޮތުން، މޯލްޑިވްސް-ސްރީލަންކާ ޕާލިމެންޓްރީ ފްރެންޑްޝިޕް ގުރޫޕާއި، ސްރީލަންކާ-މޯލްޑިވްސް ޕާލިމަންޓްރީ ފްރެންޑްޝިޕް އެސޯސިއޭޝަން މެދުވެރިކޮށް، ދެ ބަރުލަމާނުގެ ގުޅުން ބަދަހިކުރުމުގެ މަސައްކަތްކުރެވޭނެ ގޮތްތަކާމެދު ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
އަދި މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ދެ ގައުމުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި ތަމްރީނު ފުރުސަތުތައް ފަހިކޮށް މައުލޫމާތު ހިއްސާކުރުމަކީ މުހިއްމު ކަމެއްކަމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންފައިވެއެވެ.
އެ ބައްދަލުވުން ނިންމަވައިލައްވަމުން ދެ ބޭފުޅުން އިއްތިފާގުވެވަޑައިގެންފައިވަނީ ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި އެއްބާރުލުން އިތުރަށް ފުޅާކޮށް، ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ހަަރުދަނާކުރުމަށެވެ.
ރާއްޖެއާއި ސްްރީލަންކާގެ މެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުނީ 2025 ވަނަ އަހަރުގެ ޖުލައި މަހުއެވެ. މި އަހަރު ދެ ގައުމުގެ ސިޔާސީ ގުޅުމަށް 61 އަހަރުވާނެއެވެ. ނަމަވެސް ލަންކާއާއި ރާއްޖޭގެ ގުޅުމަކީ ރަސްމީ ސިޔާސީ ގުޅުމުގެ ތާރީހަށްވުރެ މާ ދިގު ތާރީހެއް އޮތް ގުޅުމެކެވެ.