ENGLISH
04 މޭ 2026
ތުލުސްދޫއަށް މީހުން ބަދަލުކުރާތީ އެރަށުން އިތުރަށް ބިން ހިއްކަން ނިންމައިފި
04 މޭ 2026
|
ކ. ތުލުސްދޫ
އެންމެ މަޤްބޫލު
އެހެން ރަށްރަށުން ކ. ތުލުސްދޫއަށް މީހުން ބަދަލުކުރުމަށް ހަމަޖެހިފައިވާތީ، އެރަށުން އިތުރަށް ބިން ހިއްކުމަށް ނިންމާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދަޅުވެއްޖެ އެވެ.
ވަޒީރު މުއްތަލިބު މިފަދައިން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ. ކ. ތުލުސްދޫއަށް މީހުން ބަދަލުކުރަން ހަމަޖެހިފައިވަނީ ވ.ރަކީދޫ އަދި ރމ. ރަތްމަންދޫ އިންނެވެ.
އެގޮތުން ވަޒީރު މުއްތަލިބް ވިދާޅުވީ، މީހުން ބަދަލުކުރުމާއި ގުޅިގެން ތުލުސްދޫއިން މީހުންނަށް ގޯތި ބޭނުންވާ ކަމަށެވެ.
އެހެންކަމުން، ތުލުސްދޫއިން ގޯތި ދިނުމަށް 30 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ. އެހެންނަމަވެސް އެ މަސައްކަތް ފަށާނެ ވަކި ތާރީހެއް ވަޒީރު ވިދާޅުވެފައެއް ނުވެ އެވެ.
ރަތްމަންދޫ އަދި ރަކީދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަން ނިންމުމާ ގުޅިގެން އެމީހުން ވަނީ ތުލުސްދޫއަށް ބަދަލުކޮށްދިނުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންފަ އެވެ.
ރަތްމަންދޫ މީހުން އެހެން ރަށަކަށް ބަދަލުވާން އެދޭ ނަމަ އެ ބަދަލުވާ ރަށެއްގައި ގެ އަޅަން ފަށާތާ އަހަރެއްގެ ތެރޭ އެންމެން ބަދަލުކޮށް ދީ ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން، ރަތްމަންދޫ މީހުން އެހެން ރަށަކަށް ބަދަލުކުރާނީ ތިން ކޮޓަރީގެ ގެއެއް އަޅާދިނުމަށް ފަހު ކަމަށް ރައީސް ވިދާޅުވި އެވެ.