ENGLISH

04 މޭ 2026

Advertisement

ލަންކާާގެ ބޮޑުވަޒީރު ރައީސް އަރިހަށް؛ ތޫފާނުގެ ގެއްލުންތަކުން އަރައިގަތުމުގެ މަސައްކަތަށް ރައީސްގެ ތާރީފު

04 މޭ 2026

|

ޝިފްޒާން އަޙްމަދު

ލަންކާގެ ބޮޑުވަޒީރު ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހަށް އެ ގައުމުގެ ބޮޑުވަޒީރު ޑރ.ހަރިނީ އަމަރަސޫރިޔާ ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި އެ ގައުމަށް ކުރިމަތިވި ތޫފާނު ޑިޓްވާގެ ސަބަބުން ކުރިމަތިވި ގޮންްޖެހުންތަކުން އަރައިގަތުމަށް ލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެމަނިކުފާނު ތާރީފުކުރައްވައިފިއެވެ. 

ސްރީލަންކާއަށް ރައީސް ކުރައްވަަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޮޑުވަޒީރު ޑރ.ހަރިނީ މިއަދު އެމަނިކުފާނުގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި ދެ ބޭފުޅުންވަނީ ފަތުރުވެރިކަމާއި ސިއްހަތާއި، ތައުލީމާއި، ތަމްރީނާއި އެނޫންވެސް އިޖުތިމާއީ އިގުތިސާދީ ތަރައްގީއާ ގުޅުންހުރި އެކި ދާއިރާތަކުން ރާއްޖެއާއި ލަންކާގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާމެދު މަޝްވަރާކުރައްވާފައެވެ. 

އަދި ދެ ގައުމުގެ މަސްލަހަތު ހިއްސާކުރާ ދާއިރާތަކުގައި އެކުގައި މަސައްކަތްކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމުގެ އަޒުމުގައި ތިއްބެވިކަމުގެ ޔަގީންކަން ދެބޭފުޅުންވެސް ދެއްވިއެވެ. 

މި ބައްދަލުވުމުގައި ރައީސް ޑރ.މުއިއްޒު ފާހަގަކުރެއްވީ ފާއިތުވި އަހަރު ސްރީލަންކާއަށް އެރި ތޫފާން ޑިޓްވާގެ ސަބަބަުން އެ ގައުމަށް ކުރިމަތިލާންޖެހުނު އިގުތިސާދީ އަދި އިޖުތިމާއީ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށް އެ ގައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކީ ތާރީފު ހައްގު މަސައްކަތްތަކެއް ކަމެވެ. 

ރައީސްވަނީ ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުން ދިވެހިރާއްޖޭގެ ގައުމީ ތަރައްގީގެ މަސައްކަތްތަކަށް ދެމުންދާ އަގުހުރި ހިއްސާއާއި ހިދުމަތް ފާހަގަކުރައްވާފައެވެ. ލަންކާގެ ބޮޑުވަޒީރުވަނީ އެ ގައުމުގައި ދިރިއުޅޭ ދިވެހިން އެގައުމުގެ ތަރައްގީއަށް ދެމުންދާ މާނަހުރި ހިދުމަތްތައް ފާހަަގަކުރައްވައި އަގުވަޒަންކުރައްވާފައެވެ. 

ރައީސް ލަންކާއަށް މިމަހުގެ ތިންވަނަ ދުވަހުން ހަވަނަ ދުވަހަށް ކުރައްވާ ފުރަމާނަ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔާކެގެ ދައުވަތުފުޅަކަށް ކުރައްވާ ދަތުރުފުޅެެކެވެ. އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. 

ކިޔުންތެރިންގެ ހިޔާލު