ENGLISH
04 މޭ 2026
ލަންކާއާއި ރާއްޖެ ގުޅިގެން މި ބިނާކުރަނީ އިންޑިއާ ކަނޑުގެ ވަރުގަދަ ބައިވެރިވުމެއް: ލަންކާގެ ރައީސް
04 މޭ 2026
|
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ލަންކާއިން ރަސްމީ މަރުޙަބާ ކިޔުން. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ސްރީ ލަންކާ އާއި ދިވެހިރާއްޖެ ގުޅިގެން މި ބިނާކުރަނީ އިންޑިއާ ކަނޑުގެ ވަރުގަދަ ބައިވެރިވުމެއް ކަމަށް ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ވިދާޅުވެއްޖެ އެވެ.
ޑިސަނާޔަކެ މިފަދައިން ވިދާޅުވީ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ލަންކާ ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް މަރުޙަބާ ދެންނެވުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި، ރާއްޖެ އާއި ލަންކާގެ ގުޅުން ބަދަހިކުރުމަކީ ދެގައުމުގެ ކުރިމަގަށްޓަކައި ނުހަނު މުހިއްމު ކަމެއްކަމުގައި ލަންކާގެ ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.
ވަކިވަކި ދާއިރާތަކަށް އަލިއަޅުއްވައިލައްވަމުން ރައީސް ޑިސަނާޔަކެ ވިދާޅުވީ، ތަޢުލީމާއި، ވިޔަފާރިއާއި، ސަލާމަތީ ކަންކަމުގެ އިތުރުން މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި، ދެޤައުމުގެ ލާބައާއި މަންފާއަށްޓަކައި އެއްބާރުލުން އިތުރުކުރަމުންގެންދާ ކަމަށެވެ. އަދި، ދެގައުމުގެ ބައިވެރިވުމާއެކު ބިނާކުރަނީ އިންޑިއާ ކަނޑުގެ ވަރުގަދަ ބައިވެރިވުމެއް ކަމަށް ޑިސަނާޔަކެ ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސްރީ ލަންކާ އަށް ވަޑައިގެންނެވީ އިއްޔެ ހަވީރު އެވެ. ރައީސްގެ ދެކަނބަލުންގެ ދަތުރަކީ، ލަންކާގެ ރައީސް ޑިސަނާޔަކެގެ ދައުވަތަކަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ލަންކާގެ ރައީސް ރަސްމީކޮށް މަރުޙަބާ ވިދާޅުވުން މިއަދު ކުރިއަށްދިޔައީ ލަންކާގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގަ އެވެ. ރަސްމީކޮށް ކީ މަރުޙަބާއި 21 ބަޑީގެ ސަލާމެއް ވެސް ވަނީ އަރުވައިފަ އެވެ.
ދަތުރުފުޅުގައި މިއަދު ވަނީ ރަސްމީ މަޝްވަރާތައް ވެސް ބާއްވައި ދެގައުމުގެ ދެމެދުގައި ހަތް އެއްބަސްވުމެއް ބަދަލުކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދު ފެށިގެން މި ދިޔައީ ރާއްޖެއާއި ލަންކާގެ އޮތް ގާތްގުޅުމުގެ އައު ބާބެއް ކަމަށެވެ.