ENGLISH
04 މޭ 2026
ޕީއެންއެފްގެ އެއްވުންތައް ޤާނޫނާ ޚިލާފު، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީސީން ދީފި
04 މޭ 2026
|
ސިޔާސީ ޕާޓީތަކުގެ ޤާނޫނު --
އެންމެ މަޤްބޫލު
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީ.އެން.އެފް) އިން ސިލްސިލާކޮށް ބާއްވާ އެއްވުންތަކާއި ހިންގާ ޙަރަކާތްތަކުން ޤާނޫނާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުން މިރޭ ބުނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ޅ) ގެ ދަށުން، އެހެން ޤާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި ޢާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ ޢާންމު ބައްދަލުވުންތަކާއި، ޙަރަކާތްތައް ބޭއްވުމަކީ ސިޔާސީ ޕާޓީތަކުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެއް ކަމަށެވެ. އެގޮތުން، ސިޔާސީ ޙަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި ހުރިހާ ސިޔާސީ ޕާޓީތަކުން ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު ގައި ހުއްދަކުރާ ދާއިރާގެ ތެރެއިން ޢަމަލުކުރުމަކީ ޤާނޫނުން ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ.
ހަމައެހެންމެ، ސިޔާސީ ޕާޓީއެއްގެ މެންބަރުން ނުވަތަ އެޕާޓީއަކަށް ތާއިދުކުރާ ބަޔަކު އެހެން ޕާޓީއަކުން ހިންގަމުންގެންދާ ބައްދަލުވުމަކަށް ހުރަސްއެޅޭފަދަ ޢަމަލެއް ކުރުމާއި އެއް ޕާޓީއަކުން ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެއް ވަގުތަކާ ދިމާކޮށް، އެހެން ޕާޓީއަކުން ބައްދަލުވުމެއް ބާއްވަން މަސައްކަތްކުރުމަކީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (އ) އާއި (މ) ގައި ބަޔާންކުރާ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލުތަކެއް ކަމުގައި އީސީން ވަނީ ފާހަގަކޮށްފަ އެވެ.
އެ ކޮމިޝަނުން ބުނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސިލްސިލާކޮށް ބާއްވާ އެއްވުންތަކާއި ހިންގާ ޙަރަކާތްތަކުން ޤާނޫނާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ކުރަމުންދާ ކަމަށް ކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާތީ، މިފަދަ ޢަމަލުތައް ނުހިންގުމަށް ނަސޭޙަތްތެރިވެ، އެކަން އެ ޕާޓީއަށް ކޮމިޝަނުން އަންގާފައިވާ ކަމަށެވެ. އަދި މިކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކޮމިޝަނަށް ޙާޟިރުވުމަށް ދަޢުވަތު ދީފައިވީނަމަވެސް، ކޮމިޝަނަށް ޙާޟިރުވުމަށް ޕީ.އެން.އެފް އިން އުޒުރުވެރިވެފައިވާ ކަމަށެވެ.
އެހެން ކަމުން ޤާނޫނާއި ޚިލާފު ޢަމަލުތައް ތަކުރާރުވާނަމަ ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު ކޮމިޝަނުން އަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.