ENGLISH

04 މޭ 2026

Advertisement

ސްރީލަންކާއިން ރައީސް ޑރ.މުޢިއްޒަށް ރަސްމީކޮށް މަރުހަބާ ކިޔައިފި

04 މޭ 2026

|

ޝިފްޒާން އަޙްމަދު

ރައީސް ޑރ.މުޢިއްޒަށް ލަންކާއިން ރަސްމީކޮށް މަރުޙަބާ ދެންނެވުން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒ ސްރީލަންކާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުުރފުޅުގެ ތެރެއިން އެމަނިކުފާނުގެ ދެކަނބަލުންނަށް ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރަސްމީކޮށް މަރުހަބާ ވިދާޅުވެއްޖެއެވެ. 

އިއްޔެ ހަވީރު ރައީސް ޑރ.މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ލަންކާއަށް ވަޑައިގަތުމުން ބަންޑާރަނަޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓްއިން އެ ދެ ކަނބަލުންނަށް މަރުހަބާ ވިދާޅުވީ އެ ގައުމުގެ ބޮޑުވަޒީރު  ޑޮކްޓަރ ހަރިނީ އަމަރަސޫރިޔާއެވެ. 

މިއަދު ރައީސަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ކަންކަން ކުރިއަށްގެންދިޔައީ ލަންކާގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއޭޓު ނުވަތަ އެގައުމުގެ ކުރީގެ ބަރުލަމާނުގެ ސަރަހައްދުގައެވެ. ރައީސް ޑރ.މުޢިއްޒު ކާރުކޮޅުގައި އެ ސަރަހައްދަށް ވަޑައިގެންނެވިއިރު ކާރުކޮޅު ވަށައިގެން އަސްވާރުން ރުކުރުވާލާފައި ތިއްބެވެ. ކާރުކޮޅު އެ ސަރަހައްދަށް ވަންއިރު ސަގާފީ ހަރަކާތްތައް ކުރިއަށްގެންދިޔައެވެ. 

ރައީސާއި އެމަނިކުފާނުގެ އަނބިކަނބަލުން ކާރުކޮޅުން ފާބައިވަޑައިގަތުމާއެކު އެ ދެކަނބަލުންނަށް މަރުހަބާ ވިދާޅުވީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއެވެ. އަދި އެއަށްފަހު ރައީސްގެ ޝަރަފުގައި ބަޑީގެ ސަލާމެއް އެރުވިއެވެ. އަދި އެމަނިކުފާނުގެ ޝަރަފުގައި ކުރިއަށްގެންދިޔަ އޮނާ އޮފް ގާޑް ރައީސްވަނީ ބައްލަވައިލައްވާފައެވެ. 

އެ ހަރަކާތަށްފަހު ރައީސްވަނީ އެމަނިކުފާނުގެ އަރިހުގައި ސްރީލަންކާއަށް ވަޑައިގެންނެވި ސަރުކާރުގެ އިސްވެރިންގެ ވަފުދު ލަންކާގެ ރައީސް ޑިސަނާޔަކެއަށް ތައާރަފުކޮށް އަރުވާފައެވެ. އަދި ލަންކާގެ ރައީސްވަނީ އެމަނިކުފާނުގެ ސަރުކާރުގެ އިސްވެރިން ރައީސަށް ތައާރަފުކޮށް އަރުވާފައެވެ.  ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި ދައުލަތުގެ އެކި އިދާރާތަކުގެ ވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ. 

މި ދަތުރުފުޅުގައި ދެ ރައީސުންގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވާނެއެވެ. އެ މަޝްވަރާތަކުގެ ތެރޭގައި ރާއްޖޭގެ ގައުމީ ބޭންކްގެ ގޮތްޕެއް ސްރީލަންކާގައި ހުޅުވުމާއި، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ހޯދުމުގައި ހުރި ދަތިތައް ހައްލުކުރުން ފަދަ ކަންކަމާމެދު ދެ ބޭފުޅުން މަޝްވަރާކުރައްވާނެއެވެ.  އަދި ހަތް ދާއިރާއަކުން މުހިއްމު އެއްބަސްވުންތަކެއްގައި ދެ ގައުމުގެ މެދުގައި ސޮއިކުރެވިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު