ENGLISH
04 މޭ 2026
ފ. ނިލަންދޫ މަގު ހެދުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށްދަނީ
04 މޭ 2026
|
ނިލަންދޫ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ފ. ނިލަންދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރަމުން އަންނަ ކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ މިހާރު ކުރަމުން އަންނަނީ ކާބްސްޓޯން ޖެހުމާއި ޖަންކްޝަން ފޮށިތައް ކާސްޓްކުރުމުގެ މަސައްކަތްތައް ކަމަށެވެ.
ނިލަންދޫ މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެރަށަށް ކުރެއްވި ޒިޔާރަތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ނިލަންދޫ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
އެ ޖަލްސާގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
މަސްވެރިކަމަށް މަޝްހޫރު ނިލަންދޫގައި 2500 މީހުންގެ އާބާދީއެއް އޮވެ އެވެ. ނިލަންދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިފައި ނެތުމަކީ، ވިއްސާރަ މޫސުމެއް އަތުވެއްޖެ ނަމަ، މަގުތަކުގައި ޗަކަ ހެދި، ހިނގާ މީހުންނާއި ދުއްވާ ތަކެއްޗަށް އެކަމުގެ ދަތިކަން ފޯރަމުންދާ މައްސަލައެކެވެ.އެހެންކަމުން މަގުތައް ހަދާ ނިމުމުން ރަށުގެ ހިނގާ ބިގާވެ އުޅޭ ފަރާތްތަކަށާއި، ދުއްވާ މީހުންނަށް އެކަމުގެ ލުއި ފަސޭހަ ލިބިގެންދާނެ އެވެ. މި މަޝްރޫއުއާއެކު ރަށުގެ އުމްރާނީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.
އެމްޓީސީސީން ބުނީ ސޮއިކުރެވުނު މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ޒަމާނީ ރަނގަޅު ފެންވަރުގެ މަގުތަކެއް ނިލަންދޫ ރައްޔިތުންނަށް ބޭނުންކުރުމަށް ލިބިގެންދާނެ ކަމަށެވެ.
ނިލަންދޫ މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 115.23 މިލިއަން ރުފިޔާއަށް، 720 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.