ENGLISH

03 މޭ 2026

Advertisement

ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ޑޯސިއަރ ހުށަހަޅައިފި

03 މޭ 2026

|

ޝިފްޒާން އަޙްމަދު

މާލޭ ހުކުރު މިސްކިތް

ރާއްޖޭގައި ހުރި ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ރާއްޖެއިން ހުށަހަޅަންޖެހޭ ޑޮސިއާ ތައްޔާރުކޮށް ޔުނެސްކޯއަށް ހުށަހަޅާފައިވާކަމަށް ސަގާފަތާއި ފަންނާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. 

އެ ވުޒާރާއާއި ވުޒާރާގެ ދަށުން ހިންގަމުންދާ އިދާރާތަކުން ހިންގަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ދެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލު މިސްކިތްތަައް ހިމެނުމަށް ނޮމިނޭޝަން ފައިލު ތައްޔާރުކޮށް މި އަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު ޔުނެސްކޯއަށް ޑޮޒިއާ ހުށަހަޅާފައިވާ ކަމަށެވެ. 

ވަޒީރު ވިދާޅުވި ގޮތުގައި ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ހުށަހަޅާފައިވާ ހިރިގަލު މިސްކިތްތަކަކީ މާލޭ ހުކުރު މިސްކިތާއި، ހއ.އިހަވަންދޫ ހުކުރު މިސްކިތާއި، ރ.މީދޫ ބާ މިސްކިތާއި، އދ.ފެންފުށީ ހުކުރު މިސްކިތާއި ލ.އިސްދޫ އާސާރީ މިސްކިތެވެ. ރާއްޖޭގެ ހިރިގަލު ވަޑާމަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ފަންނީ މަސައްކަތެއްގެ ގޮތުގައި އެ ދާއިރާގެ މާހިރުން ފާހަގަކުރައްވައެވެ. 

ހީނާ އިތުރަށް ވިދާޅުވެފައިވަނީ ޑޮޒިއާ ހުށަހެޅުމާ ގުޅިގެން، އާސާރީ ތަންތަނާއި ތަކެތި ހިމާޔަތްކުރުމަށް ހާއްސަ އިންޓަނޭޝަނަލް ކައުންސިލް އޮން މޮނިއުމެންޓްސް އެންޑް ސައިޓްސް (އައިކޮމޯސް)ގެ ޓީމެއް މި އަހަރުގެ ސެޕްޓެންބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

"އެހެންވީމާ އަޅުގަނޑުމެން މިހާރު ކުރަމުންދާ މަސައްކަތަކީ އެބޭފުޅުން ރާއްޖެއަށް، މިޓީމު އަންނަންވާއިރަށް ކުރަންޖެހޭ އިދާރީ ގޮތުން ވާންޖެހޭ ބައެއް ކަހަލަ މުހިއްމު ތައްޔާރީތައްވުން. އެބޭފުޅުން ރާއްޖެ އައިސް މި މިސްކިތްތަކަށް ޒިޔާރަތްކޮށް އެތަންތަން ހުރި ނެތް ގޮތް ބަލައި އެބޭފުޅުންގެ ޓީމުން މޮނިޓާކުރުމަށްވަނީ ހަމަޖެހިފައި،" ހީނާ ވިދާޅުވިއެވެ. 

އޭގެ އިތުރަށް ޔުނެސްކޯއާ ގުޅިގެން މާނަވީ ސަގާފީ ތަރިކައާ ބެހޭ މުހިއްމު ކޮންވެންޝަނެއް މި މަހުގެ ފަހަކުން ހައަކަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ހީނާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު