ENGLISH

03 މޭ 2026

Advertisement

މި އަހަރުގެ އަޟްހާ އީދުވެސް ގައުމީ ފެންވަރުގައި ތިން ރަށެއްގައި ފާހަގަކުރަނީ

03 މޭ 2026

|

އައިމިނަތު ޝަފާ

މިދިޔަ އަހަރު ބޮޑު އީދު ފާހަގަކުރުމުގެ ތެރެއިން

މިދިޔަ އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ އަޟްހާ އީދު ވެސް ރާއްޖޭގެ ތިން ރަށެއްގައި ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމައިފި އެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހިބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވަނީ މިކަން ހާމަކުރައްވާފަ އެވެ. 

ވަޒީރު ވިދާޅުވީ ގައުމީ ފެންވަރުގައި އީދު ފާހަގަކުރާނެ ތިން ރަށެއް ކަނޑައެޅުމަށްޓަކައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް މިހާރު ދައުވަތު ފޮނުވާފައިވާ ކަމަށެވެ.

"މިއަހަރުގެ އަޟްހާ އީދު ވެސް އެހެން އަހަރުތަކެކޭ އެއްފަދައިން ރާއްޖޭގެ ތިން ރަށެއްގައި ގައުމީ ފެންވަރުގައި ފާހަގަކުރުމަށްޓަކައި ވާނީ ނިންމާފައި. އަދި މިހާރު ވަނީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް އެކަމާ ގުޅޭގޮތުން ޕްރޮޕޯސަލް ހުށަހެޅުމަށް ލިޔުން ފޮނުވާފައި،" ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ ކައުންސިލްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓުކޮށް، އޭގައި ހުރި ކަންތައްތަކަށް ބެލުމަށްފަހު، ވުޒާރާގެ ޓީމުން އީދު ފާހަގަކުރާނެ ތިން ރަށް ކަނޑައަޅާނެ ކަމަށެވެ.

އީދު ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާނެ ގޮތުގެ މިންގަނޑުތަކެއް ސަރުކާރުން އެކަށައަޅާފައިވާއިރު ކޮންމެ ރަށެއްގައިވެސް ކުރިއަށް ގެންދަންޖެހޭ ޕްރޮގްރާމުތަކާއި، އީދު ފާހަގަކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި، އިސްކަންދޭންޖެހޭ މުހިންމު އުސޫލުތައް ކައުންސިލްތަކާ ހިއްސާކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

މިއަހަރުގެ ބޮޑު އީދު ދުވަހަކީ މި މަހުގެ 27 އެވެ. 

ކިޔުންތެރިންގެ ހިޔާލު