ENGLISH

03 މޭ 2026

Advertisement

އާ ކާނާ ހޯދުމުގައި ޖަންގަލީގެ ކަކަޓޫ އެކަތި އަނެކަތި ނަކަލުކުރާކަން އެނގޭތަ؟

03 މޭ 2026

|

އާމިނަތު ނުޒްލާ

ދިރާސާގައި ބޭނުންކުރި ކަކަޓޫއެއް-- ފޮޓޯ: ސީއެންއެން

ކުޑަކުދިން އެކުދިންގެ ރަހުމަތްތެރިން ގެންގުޅޭ ކުޅޭއެއްޗިއްސާއި ހެދުން އެޅުމުގެ ވައްޓަފާޅި ކޮޕީކުރާ ފަދައިން، ޖަންގަލީގައި އުޅޭ ބައެއް ބާވަތްތަކުގެ  ގުރާވެސް އާ ބާވަތްތަކުގެ ކާނާ ކާން ދަސްކުރުމުގައި އެސޮރުމެންގެ ރަހުމަތްތެރިން ނަކަލުކުރާކަން އާ ދިރާސާއަކުން ދައްކައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު "ޕީ.އެލް.އޯ.އެސް ބަޔޮލޮޖީ" ޖާނަލްގައި ޝާއިޢުކުރި މި ދިރާސާގައި ބުނެފައިވާ ގޮތުގައި، ސިޓީތަކާއި އާބާދުވެފައިވާ ސަރަޙައްދުތަކުގައި އުޅޭ ޖަނަވާރުތަކަށް ކުނިބުންޏާއި، ބޭރުގެ ގަސްގަހާގެހި ފަދަ އާ ވަސީލަތްތަކާ ކުރިމަތިލާން ޖެހެއެވެ. މިފަދަ ބަދަލުވަމުންދާ މާޙައުލެއްގައި ދިރިއުޅުމަށްޓަކައި، ކުރިން ނުކާ އާ ބާވަތްތަކުގެ ކާނާ ކާން ދަސްކުރުމަކީ އެ އެއްޗެހީގެ ދިރިއުޅުމަށް ނުހަނު މުހިންމު ކަމެކެވެ.

އޮސްޓްރޭލިއާ، ޖަރުމަނުވިލާތް، އެމެރިކާ އަދި ސުވިޒަލޭންޑުގެ ސައިންސްވެރިން ގުޅިގެން ކުރިއަށްގެންދިޔަ މި ދިރާސާގައި ބުނެފައިވަނީ، އާ ކާނާއެއް ކެއުމަކީ ނުރައްކާތެރި ނުވަތަ ޒަހަރު ހުރެދާނެ ކަމެއް ކަމަށްވާތީ، ޖަނަވާރުތައް އެކަމަށް ފަސްޖެހޭ ކަމަށެވެ. ނަމަވެސް، އެހެން ޖަނަވާރުން އެ ކާނާ ކާތަން ފެނުމުން ނުވަތަ "ސޯޝަލް ލާނިންގ" މެދުވެރިކޮށް އެއީ ރައްކާތެރި އެއްޗެއްކަން އެސޮރުމެން ދަސްކުރެ އެވެ.

މި ދިރާސާ ކުރިއަށް ގެންދިޔައީ އޮސްޓްރޭލިއާގެ ސިޑްނީގެ މެދުތެރޭގައި އުޅޭ 700 އަށްވުރެ ގިނަ "ސަލްފަރ-ކްރެސްޓެޑް ކަކަޓޫ" ބޭނުންކޮށްގެންނެވެ. ސައިންސްވެރިން ވަނީ ބައެއް ކަކަޓޫތަކަށް ރަތް ނުވަތަ ނޫ ކުލަ ޖައްސާފައިވާ އަލްމަންޑް ކާން ދަސްކޮށްދީފަ އެވެ. އާދައިގެ ކަކަޓޫތަކަށް މި އަލްމަންޑް ދިނުމުން، ތަމްރީނު ދީފައިވާ ކަކަޓޫތައް އެ ކާތަން ފެނުމާއެކު، އެހެން ކަކަޓޫތައް ވެސް ވަރަށް އަވަހަށް އެ ކާން ފެށި އެވެ. ބައެއް ސަރަޙައްދުތަކުގައި އެއް މިނެޓަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި، ބައެއް ކަކަޓޫތައް އާ ކާނާ ކާން ފެށިކަން ފާހަގަކުރެވިފައިވާ ކަމަށް ދިރާސާގައި ބަޔާންކޮށްފައިވެ އެވެ.

މި ދިރާސާގެ އިސް މުސައްނިފު ޖޫލިއާ ޕެންޑޯފް ބުނި ގޮތުގައި، ކަކަޓޫތަކުގެ މެދުގައި މިކަން ހިނގަނީ ވަކި އުސޫލުތަކަކުންނެވެ. އެގޮތުން ފިރިހެން ކަކަޓޫތައް ގިނައިން ނަކަލުކުރަނީ އެހެން ފިރިހެން ކަކަޓޫތަކުގެ ޢަމަލުތަކެވެ. ނަމަވެސް އަންހެން ކަކަޓޫތައް ކޮންމެ ޖިންސެއްގެ ނުވަތަ އުމުރެއްގެ ކަކަޓޫއެއްގެ ޢަމަލުތައް ވެސް ނަކަލުކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ޅަ ކަކަޓޫތައް ގިނަ ބަޔަކު ކުރާ ކަންތައް އެގޮތަށް ކުރުމަށް މަސައްކަތް ކުރުންކަމަށް މި ދިރާސާ ކުރިއަށް ގެންދިޔަ ފަރާތުން ބުނެފައިވެ އެވެ. މިއީ އަހަރެމެން އިންސާނުންގެ ކުޑަކުދިންގެ ކިބައިން ވެސް ފެންނަ ސިފައެކެވެ. ބޮޑެތި ކަކަޓޫތައް ބޮޑަށް ބަލަނީ އެސޮރުމެންނާ އެކު އުޅޭ ގާތް އެކުވެރިން ކުރާ ކަންތައްތައް ނަކަލުކުރުމަށެވެ.

ސުވިޒަލޭންޑުގެ ޔުނިވަރސިޓީ އޮފް ޒިއުރިކްގެ ރިސާޗަރެއް ކަމަށްވާ މައިކަލް ޗިމެންޓޯ ބުނި ގޮތުގައި، މިއީ ރެސްޓޯރެންޓެއްގައި ތިބޭއިރު ރަހުމަތްތެރިން އޯޑަރުކުރާ އެއްޗަކަށް ބަލައިގެން ތިމާގެ އޯޑަރު ބަދަލުކުރުމާ އެއްފަދަ ކަމެކެވެ.

މި ހޯދުމުގެ ސަބަބުން، ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔޭގައި، ޖަނަވާރުތައް ދިރިއުޅުމަށްޓަކައި އެކަކު އަނެކަކުގެ ފަރާތުން މަޢުލޫމާތު ހޯދާ ގޮތް އިތުރަށް ސާފުވެގެންދާ ކަމަށް މި ދިރާސާކުރި ފަރާތްތަކުން ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު