ENGLISH

03 މޭ 2026

Advertisement

ހައްޖަށް ދާ ދިވެހިންގެ ފުރަތަމަ ގްރޫޕް ފުރާނީ މި މަހު 15 ގައި

03 މޭ 2026

|

އައިމިނަތު ޝަފާ

އުމްރާގެ އަޅުކަމަށް ހައްޖު ކޯޕަރޭޝަނުގެ ބެލުމުގެ ދަށުން ދިޔަ ބަޔަކު، ފޮޓޯ: މިހާރު

މި އަހަރު ރާއްޖެއިން ހައްޖަށް ދާ ދިވެހިންގެ ފުރަތަމަ ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ މި މަހު 15 ގައި ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ. 

ހައްޖު ކޯޕަރޭޝަނުން ބުނީ ހައްޖުވެރިންގެ ކަންކަން އިންތިޒާމުކުރުމަށް ސައުދީއަށް ދާ އެ ކުންފުނީގެ އެޑްވާންސް ޓީމުގެ ބައިވެރިން މާދަމާ ފުރާނެ ކަމަށެވެ. 

މި އަހަރު ހަތަރު ފްލައިޓެއްގައި ދިވެހިން ހައްޖަށް ދާއިރު، އޭގެ ތެރެއިން ދެ ފްލައިޓަކީ ގައުމީ އެއާލައިން މޯލްޑިވިއަނުން ބާއްވާ ދެ ދަތުރެވެ. އަނެއް ދެ ފްލައިޓަކީ ސައުދިއާ އެއާލައިނުން ބާއްވާ ދެ ދަތުރެވެ.

ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތައް:

  • ފުރަތަމަ ފްލައިޓް: ފުރާނީ މި މަހު 15 ގައި މެންދުރު ފަހު 3:25 ގައި
  • ދެވަނަ ފްލައިޓް: ފުރާނީ މި މަހު 17 ގައި ފަތިހު 5:00 ގައި
  • ތިންވަނަ ފްލައިޓް: ފުރާނީ މި މަހު 18 ގައި މެންދުރު ފަހު 3:25 ގައި
  • ހަތަރުވަނަ ފްލައިޓް: ފުރާނީ މި މަހު 19 ގައި ހެނދުނު 9:30 ގައި

މި އަހަރު ހައްޖަށް ދާ 1،000 ދިވެހިންގެ ތެރެއިން 500 މީހަކު ދަތުރުކުރާނީ ގައުމީ އެއާލައިންގައި ކަމަށް އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ. 

މި އަހަރުގެ ހައްޖު މޫސުމަށް ތައްޔާރުވަމުން އަންނައިރު މިއަހަރު ވެސް ރާއްޖޭގެ ޙައްޖުވެރިން ފުރާނީ މައްކާރޫޓް އިނިޝިއޭޓިވްގެ އިންތިޒާމްތަކުގެ ތެރެއިންނެވެ. 

މި އަހަރުގެ ހައްޖު ދުވަސްކަމަށް ކަލަންޑަރުގައިވާ ތާރީހަކީ މި މަހުގެ 26 ވާ އަންގާރަ ދުވަހެވެ. 

ކިޔުންތެރިންގެ ހިޔާލު