ENGLISH
03 މޭ 2026
ތަރިކައިގެ ބަލަދުވެރިންގެ ގޮތުގައި ކޮންމެ ރަށަކުން 10 މީހުން ތަމްރީނު ކުރަނީ
03 މޭ 2026
|
ދިވެހިބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު
އެންމެ މަޤްބޫލު
ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ހާއްސަ އެ ރަށެއްގެ ތާރީހާއި ސަގާފަތުގެ ތެރޭގައި ހިމެނޭ ކަންކަން ދިރުވައި އާލާކޮށް ބެލެހެއްޓުމަށް ކޮންމެ ރަށަކުންވެސް 10 ތަރިކަވެރިން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ދިވެހިބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ރާއްޖޭގެ ތާރީހާ ސަގާފަތް އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަށް "ދޫދޫމަތިން ހަނދާން އެެއްކުމުގެ މަޝްރޫޢު" ނުވަތަ ނެޝަނަލް ޕްރޮޖެކްޓް ފޯ އޯރަލް ހިސްޓްރީ ކަލެކްޝަންގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ.
"މިސާލަކަށް ލިޔެފައިވާ ތާރީޚްގެ އިތުރުން ދޫދޫމަތިން ބައެއް ފަރާތްތަކުން ކިޔައިދޭ ވާހަކަތައް، އެ ބޭފުޅުންގެ ހަނދާންތައް އެއްކުރުމުގެ ސަގާފަތެއް ދިވެހިންގެ މެދުގައި އަށަގެންނެވުން. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ޖަމިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ ފަރުދުންގެ މެދުގައި ދިވެހިން ކޮށްފައިވާ ތަޖުރިބާތަކާ ގުޅިފައިވާ ހަނދާންތައް ރިކޯޑްކުރުމުގެ ޤާބިލްކަން އަށަގެންނެވުމަށް ހިންގޭ މަޝްރޫޢެއް،". ވަޒީރު ވިދާޅުވި އެވެ.
މި މަޝްރޫއުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީހުންނަށް ދިމާވެފައިވާ ހާދިސާތަކާއި، ދިރިއުޅުމުގެ ހާލަތު އަދި ތާރީޚާ ސަގާފަތާ ގުޅުންހުރި ކަންކަމުގެ މައުލޫމާތުތައް އެއްކުރާނެ އެވެ.
ވަޒީރު ވިދާޅުވީ މި މަޝްރޫއުގެ ތެރެއިން ދޫދޫ މަތިން ހަނދާން އެއްކުރުމަށް ރާއްޖޭގެ ކޮންމެ ރަށެއްގައި ދިހަ މީހުން، ތަމްރީނު ކުރެވެމުންދާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ތަރިކަ ވެރިން އުފެއްދުމުގެ ގައުމީ މަޝްރޫއެއްވެސް ކުރިއަށްދާ ކަމަށާ، އެ މަޝްރޫއަކީ ރާއްޖޭގެ ކޮންމެ ރަށެއްގެވެސް ތާރީހީ އަދި ސަގާފީ މުއްސަނދިކަން ދެނެގަނެ، އެތަކެތި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކުރިއަށްދާ މަޝްރޫއެއް ކަމަށް ހީނާ ވިދާޅުވި އެވެ.
"މި މަޝްރޫއުގެ ދަށުން ތަމްރީނު ކުރެވޭ ފަރާތްތަކަކީ އެ ރަށެއްގެ ތަރިކައިގެ ބަލަދުވެރިންގެ ގޮތުގައި ވެގެންދާނެ. މި މަޝްރޫޢުގެ ތެރެއިންވެސް ރާއްޖޭގެ ކޮންމެ ރަށެއްގައި 10 މީހުން ތަރިކަ ވެރިންގެ ގޮތުގައި ތަމްރީނުކޮށް އެ މަސައްކަތަށް ޚާއްސަ ކުރެވިގެންދާނެ،". ހީނާ ވިދާޅުވި އެވެ.
ކޮންމެ ރަށަކުން 10 މީހުން ތަރިކަވެރިން ތަމްރީނުކުރުމުގެ އަމާޒު ހިފާފައިވާއިރު ހީނާ ވިދާޅުވީ އެ މީހުން މަސައްކުރާނީ ވުޒާރާއާ ގުޅިގެން ކަމަށެވެ.