ENGLISH

03 މޭ 2026

Advertisement

ނަން ބޯޑުތަކުގައި ނަންތައް ނުބައިކޮށް ހުރި މައްސަލަ: ވުޒާރާގެ އެހީއަކަށް އެދިފައެއް ނެތް

03 މޭ 2026

|

އައިމިނަތު ޝަފާ

އާޒިމްގެ ބެލުމުގެ ދަށުން ހަރުކޮށްފައިވާ ބައެއް ބޯޑްތައް

މޭޔަރު އާދަމް އާޒިމްގެ ބެލުމުގެ ދަށުން ބޮޑުއަގު ދީފައި މާލޭގެ މަގުތަކުގައި ހަރުކުރި ބޯޑުތަކުގައި މަގުތަކުގެ ނަންތައް ނުބައިކޮށް ލިޔެފައި ހުރި މައްސަލައިގައި ހައްލުކުރުމަށް މިހާތަނަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އެހީއަކަށް އެދިފައިނުވާކަމަށާއި، އެކަމަށް އެދިއްޖެނަމަ އެ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ވަޒީރު ހީނާ ވަލީދު ދެއްވައިފި އެވެ. 

ވަޒީރު ހީނާ މި ޔަގީންކަން ދެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނެވެ.

ވަޒީރު ވިދާޅުވީ ނަންބޯޑުތަކުގެ މައްސަލަ ފާހަގަވެފައިވާކަމަށެވެ. ނަމަވެސް ރަސްމީ ސިފައެއްގައި އެއްވެސް ފަރާތަކުން މި މައްސަލަ ވުޒާރާއަށް ހުށަހަޅާފައި ނުވާކަމަށް ވިދާޅުވި އެވެ. 

"ދެން އަޅުގަނޑުމެންނަށް މިހާތަނަށް ނަންބޯޑުތަކާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް ކަހަލަ ކޮންސަލްޓެންސީއެއް ނުވަތަ އަޅުގަނޑުމެންގެ އެހީތެރިކަމެއް ހޯދަން އެދިފައެއް ނެތް. ކުރިއަށް އޮތް މުސްތަގުބަލުގައި އަޅުގަނޑުމެންނާ ހަމައަށް އަންނަ ކޮންމެ ފަރާތަކަށް ވެސް އެގޮތުން ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދޭނަން. އަދި މިހާރު އެކެޑެމީގެ ފަރާތުން ނަންބޯޑުތަކުގައި ލިޔުން ހުންނާވާނެ ގޮތާއި އެއީ ލެޓިނުންވެސް ދިވެހިން ވެސް ހުންނަންވާނެ ގޮތް ހިއްސާކުރަމުން ދަނީ،". ވަޒީރު ވިދާޅުވި އެވެ. 

މޭޔަރު އާދަމް އާޒިމްގެ ބެލުމުގެ ދަށުން ބޮޑުއަގު ދީފައި މާލޭގެ މަގުތަކުގައި ހަރުކުރި ބޯޑުތަކުގައި މަގުތަކުގެ ނަންތައް ނުބައިކޮށް ލިޔެފައި ހުރުމުން އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. 

ގިނަ މަގުތަކެއްގައި ހަރުކޮށްފައިވާ ނަން ބޯޑްތަކުގައި ލިޔުންތައް ހުރީ ނުބައިކޮށެވެ. "ލޮނުޒިޔާރަތް މަގު" ގައި ހަރުކޮށްފައިވާ ބޯޑްގައި ވަނީ "ލޮނުޒިޔާރައިމަގު" މިހެނެވެ. "މާފަތްތަކުރުފާނުމަގު" ގަައި ވާ ބޯޑުގައި ލިޔެފައި އޮތީ "މާފައިތަކުރުފާނުމަގު" މިހެނެވެ.

އެކަމާއި ގުޅިގެން އެތައް ބަޔަކު ދަނީ އާޒިމާއި މާލެ ސިޓީ ކައުންސިލަށް ފާޑުކިޔަމުން ނެވެ. އަދި ބޮޑު އަގު ދީފައި މިފަދަ ކަންކަން ކުރުވާފައިވުމާއި ބަލައިނުލައި އެ ބޯޑްތައް ހަރުކުރުމާއި ޤާބިލް ނޫން ފަރާތްތަކަށް މަސައްކަތް ހަވާލުކުރާ ކުރުން ފާހަގަކޮށް ފާޑުކިޔާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު