ENGLISH

03 މޭ 2026

Advertisement

މީޑިޔާ ކޮމިޝަނާއި އީސީ ގާނޫނީ ޒިންމާ އަދާކުރަން ހަމައިސްކޮޅަށް ތެދުވާންޖެހޭ: މުހައްމަދު

03 މޭ 2026

|

ޝިފްޒާން އަޙްމަދު

ވިލިމާލޭ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު އިސްމާއީލް

މީޑިޔާ ރެގިއުލޭޓުކުރުމަށް ގާނޫނުން އުފައްދާފައިވާ މީޑިޔާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާއި ސިޔާސީ ޕާޓީތަކުގެ ބަލަދުވެރި މުއައްސަސާ ކަމުގައިވާ އިލެކްޝަންސް ކޮމިޝަނުން ހަމައިސްކޮޅަށް ތެދުވެ ގާނޫނީ ޒިންމާ އަދާކުރަންޖެހިފައިވަކަމަށް ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު އިސްމާއީލު ވިދާޅުވެއްޖެއެވެ. 

އޭނާ މިފަދައިން ވިދާޅުވީ ސިޔާސީ ޕާޓީތަކާއި އެ ޕާޓީތަކާ ގުޅިފައިވާ މީޑިޔާތަކުން ހިންގަމުންދާ ބައެއް ނޭނގާނީ އަމަލުތަކާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ. މާލޭގައި ކޮންމެ ރެއަކު އިދިކޮޅު ޕާޓީތަކުން ކުރަމުންދާ އިހުތިޖާޖުތަކުގައި އާއްމު އިޖުތިމާއީ މިންގަނޑުތަކާ ފުށުއަރާ އިބާރާތްތަކާއި ލަފްޒުތައް ބޭނުންކުރަމުންދާއިރު ބައެއް މީޑިޔާއިން ބޭއަދަބީ ވާހަކަތައް އަންނަނީ ފަތުރަމުންނެވެ. 

އެކަންކަމަށް އިޝާރާތްކުރައްވައި މުހައްމަދު ވިދާޅުވީ ސިޔާސީ ލީޑަރުން އެބޭފުޅުންގެ "އަންބޮނޑި" ބޮޑުކުރެއްވުމަށް ހިންގަވާަ ނޫސްމަޖައްލާތަކާއި ޓީވީ ޗެނަލްތަކާއި ޕާޓީތަކުގެ މީސްމީޑިޔާ އެކްޓިވިސްޓން ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާގެ ޒާތުފުޅަށް ނިސްބަތްކޮށް ބުހުތާނު ދޮގު ހަބަރު ފަތުރަމުންދާ ކަމަށެވެ. 

އަދި މިހާރު މާލޭގައި އިދިކޮޅު ޕާޓީތަކުން ކުރަމުންދާ ސިލްސިލާ މުޒާހަރަތަކުގައި ފުރަމާލޭގެ މަގުތައްމަތީ ދެކޮޅަށް ދުވެ، އަޑުގަދަކުރާ ވަސީލަތްތައް ބޭނުންކޮށްގެން މިފަދަ ދޮގު އެތައް އިލްޒާމެއް ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި އަޅުވަމުންދާކަމަށްވެސް މުހައްމަދު ވިދާޅުވިއެވެ. 

މުހައްމަދު ވިދާޅުވީ މިފަދަ ނޭނގާނީ ނުބައި އެތައްކަމެއް ސިޔާސީ ލީޑަރުން ފަހަތުގައި ތިއްބަވައިގެން ކުރައްވަމުންދާއިރު، މީޑިޔާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާއި، ޕާޓީތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ހަމައިސްކޮޅަށް ތެދުވާންޖެހިފައިވާ ކަމަށެވެ. 

މާލޭގައި ކޮންމެ ރެޔަކު އެމްޑީޕީއާއި ޕީއެންއެފްއިން ކުރިއަށްގެންދާ ސިލްސިލާ އިހުތިޖާޖުތަކުގައި އާއްމު އިޖުތިމާއީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހިންގަމުންދާތީ އެ ޕާޓީތަކުން އެ މިންގަނޑުތަކަށް ސަމާލުވުމަށް އިލެކްޝަންސް ކޮމިޝަނުން ދެ ޕާޓީއަށް ވަކިވަކިން ފޮނުވި ސިޓީތަކުގައި އަންގާފައިވެއެވެ. 

އަދި ޕީއެންއެފްގެ މުޒާހަރާތައް ލައިވްނުކުރުމށް މީޑިޔާ އެންޑް ބްރޯޑްކާސްްޓިން ކޮމިޝަނުން ޗެނަލް-13 އަށް އަންގާފައިވާއިރު ރައީސަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ޤަޛުފުކުރި މައްސަލާަގައި އަދަދު ނޫހާ ދެކޮޅަށް ދިވެހި ފުލުހުން ޖިނާއީ ތަހުގީގެއް ފަށާފައިވާއިރު އެ މައްސަލާގައި ހިމެނޭ ކޮންޓެންޓާ ގުޅޭ މައްސަލައެއް މީޑިޔާ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު