ENGLISH
03 މޭ 2026
80 އަށްވުރެ ގިނަ މަނާތަކެތި ޖަލަށް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
03 މޭ 2026
|
ޖަލަށް މަނާތަކެތި އެތެރެކުރަން އުޅުނު މީހާ
އެންމެ މަޤްބޫލު
ބަންދު މީހުން ތިބޭ މަރުކަޒަށް ވެއްދުން މަނާ 80 އަށްވުރެ ގިނަ ތަކެތި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ރ. މަޑުއްވަރި / މާސް، މުޙައްމަދު ޝަހީރު (28އ) އެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ މި މެއި މަހުގެ 2 ވަނަ ދުވަހު މާފުށީ ޖަލު ގޭޓު ކައިރިންނެވެ.
އެގޮތުން، އޭނާ ހައްޔަރުކޮށް ބަަލައި ފާސްކުރިއިރު، 17 ސްމާޓް ފޯނާއި، 35 ޗާޖިންގ ކޭބަލާއި، 29 ޖޮއިންޓާއި، އެޑަޕްޓަރަކާއި، ހަތަރު ކައްޓާއާއި، ޕެން ޑްރައިވެއްގެ އިތުރުން އެހެނިހެން ތަކެތި ފެނިފައިވާކަމަށް ފުލުހުން ރިޕޯޓްކޯށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު ޝަހީރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ފުލުުހުން ބުނީ މިހާރު މި މައްސަލަ ތަހުގީގުކުރަމުންދާކަމަށެވެ.
ޖަލުތަކަށް އެކި ކަހަލަ ސާމާނު ވެއްދުން އާންމު ކަމަކަށް ވެފައިވާއިރު، މީގެ ކުރިންވެސް އެކި ފަހަރު މަތިން ގިނަ ބަޔަކު މިކަހަަލަ މައްސަލަތަކުގައި ހައްޔަރުކުރެވިފައިވެއެވެ. އޭގެ ތެރޭގައި ޖަލު އޮފިސަރުން ހިމެނޭ ކަމަށްވެސް މައުލޫމާތުލިބެއެވެ.