ENGLISH
03 މޭ 2026
މިއަދާއި މާދަމާވެސް ސަރުކާރު ދެމިއޮންނާނީ މިނިވަން މީޑިޔާއަށް މަދަދުވެރިވުގައި: ރައީސް
03 މޭ 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު
އެންމެ މަޤްބޫލު
މިއަދާއި މާދަމާވެސް ދިވެހި ސަރުކާރު ދެމިއޮންނާނީ މިނިވަން މުސްތަގިއްލު މީޑިޔާއަށް އެހީތެރިވެ މަދަދުވެރިވުމުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ މިނިވަން ނޫސްވެރިކަމުގެ ދުވަހާ ގުޅިގެން މީސްމީޑިޔާގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަން ނަގަހައްޓައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ދެމެހެއްޓުމަށް މަސައްކަތްކުރާ ފަރުދުންނާއި މުއައްސަސާތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުގެ މަސައްކަތް ބަލައިގަތުމުގައި މިދުވަހުގެ އަހަންމިއްޔަތުކަން ގަބޫލުކުރައްވާ ކަމަށެވެ.
އަދި މިއަދާއި މާދަމާވެސް ސަރުކާރު ދެމިއޮންނާނީ މިނިވަން މުސްތަގިއްލު ނޫސްވެރިކަމަށް މަދަދުވެރިވެ އެހީތެރިވުމުގެ މަތީކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މިނިވަން މީޑިޔާއިން ޑިމޮކްރެޓިކް ވެރިކަން ހިންގުމުގައި އަދާކުރަނީ މުހިއްމު ދައުރެއް ކަމަށެެވެ. އަދި ދެމެހެއްޓެނެވި ތަރއްގީއާއި ގައުމާއި ގައުމުން ބޭރުގައި ސުލްހަައާއި ހަމަޖެހުން ކުރިއެރުވުމުގައިވެސް މީޑިޔާގެ ދައުރު ބޮޑުކަން ރައީސް ފާހަގަކުރެއްވިއެވެ.
އިތުރަށް ރައީސް ވިދާޅުވީ ނޫސްްވެރިން ބާރުވެރިކުރުވާ މާހައުލު ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން މީޑިޔާއަށް އިންވެސްޓުކޮށް، މައުލޫމާތަށް ވާސިލުވެވޭނެ މަގުތައް އިތުރަށް ތަނަވަސްކުރުމާއެކު، ހުޅުވާލެވިފައިވާ އާއްމު މަޝްވަރާއަށް ހިތްވަރުދެމުންދާ ކަމަށެވެ.
މިގޮތަށް ކުރެވޭ ޖަމާއީ މަސައްކަތްތަކަކީ އާއްމުންގެ އިތުބާރު ބިނާކޮށް، ރައްޔިތުންގެ ޝާމިލުވުން އިތުރުކޮށް، ޖަވާބުދާރީވުމާއި ދެފުށްފެނުން ހަރުދަނާކޮށްްދޭ ކަންތައްތަކެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީޑިޔާ މަސައްކަތްތެރިންގެ ޕްރޮފެޝަނަލިޒަމަށް ތާރީފުކުރައްވައި، އާއްމު މަސްލަހަތުތަކުގެ ހިދުމަތުގައި ނަޒާހަތްތެރިކަމާއި ހިތްވަރާއެކު ނޫސްވެރިން ކުރަމުންދާ މަސައްކަތްތައް ރައީސް ފާހަގަކުރެއްވިއެވެ.
ރައްޔިތުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމާއި ވަކި އަތަކަށް ބުރަނުވެ އަހުލާގީ މިންގަނޑުތަކުގެ ތެރެއިިން ހަބަރާއި މައުލޫމާަތު ފޯރުކޮށްދީގެ ޒިންމާދާރުކަމާއެކު ނޫސްވެރިކަމުގެ މިނިވަންކަން ބޭނުންކުރުމަށް ރައީސްވަނީ ނޫސްވެރިންނަށް އިލްތިމާސްކުރައްވާފައެވެ.