ENGLISH
04 ޖޫން 2025
ސްޕާސްގެ ބެންޓަންކޫރްގެ ސަސްޕެންޝަނަށް ލުޔެއް ނުލިބުނު
18 ޑިސެމްބަރު 2024
|
ޓޮޓްނަމްގެ މިޑްފީލްޑަރު، ބެންޓަންކޫރް. --ފޮޓޯ: ސްކައިސްޕޯޓްސް
ޓޮޓްނަމް ހޮޓްސްޕާގެ އުރުގުއޭ މިޑްފީލްޑަރު، ރޮޑްރިގޯ ބެންޓަންކޫރްގެ މައްޗަށް އައިސްފައިވާ ހަތް މެޗުގެ ސަސްޕެންޝަން އިސްތިޢުނާފްކުރިނަމަވެސް އިނގިރޭސި އެފްއޭ އިން އެ އަދަބަށް ލުޔެއް ނުދޭން ނިންމައިފިއެވެ.
އުމުރުން 27 އަހަރުގެ ބެންޓަންކޫރް ސަސްޕެންޑްކުރީ، އޭނާ އާއެކު ޓޮޓްނަމަށް ކުޅެމުންއަންނަ ދެކުނު ކޮރެއާގެ ކެޕްޓަން، ސޮން ހެއުން-މިން އަށް ނިސްބަތްވާ ގޮތަށް ނަސްލީގޮތުން ތަފާތުކުރުން ގެންގުޅޭގޮތަށް ވާހަކަދެއްކި ކަމަށް ތުހުމަތުކުރެވިގެންނެވެ.
މި ތުހުމަތުތަކާ ބެންޓަންކޫރް ދެކޮޅު ހެދި ނަމަވެސް، މިނިވަން ރެގިއުލޭޓަރީ ކޮމިޝަނަކުން ވަނީ މި މައްސަލަ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ނިންމައިފައެވެ.
އަދި، އެކަމުގެ އަދަބެއްގެ ގޮތުން އިނގިރޭސި އެފްއޭ އިން ވަނީ، މިދިޔަ މަހުގެ 27 ވަނަ ދުވަހުގައި ބެންޓަންކޫރް ހަތް މެޗަށް ސަސްޕެންޑްކުރުމަށްފަހު 100،000 ޕައުންޑް (126،930 އެމެރިކާ ޑޮލަރު) އިން ވަނީ ޖޫރިމަނާކޮށްފައެވެ.
އޭގެފަހުން، ބެންޓަންކޫރް އަށް ދިން މި އަދަބާ ގުޅޭގޮތުން ޓޮޓްނަމުން ވަނީ، މިއަދަބަކީ "މާ ހަރުކަށި" އަދަބެއް ކަމަށް ބުނެ، އިސްތިޢުނާފުކޮށްފައެވެ.
މިކަމާ ގުޅޭގޮތުން، އިނގިރޭސި އެފްއޭ އިން ބުނެފައިވަނީ، އަޑުއެހުމަކަށްފަހު އިސްތިޢުނާފު ބާޠިލުކުރެވިފައިވާތީވެ ރެގިއުލޭޓަރީ ކޮމިޝަނުން ކުރިން އަމުރުކުރި ގޮތަށް ބެންޓަންކޫރްގެ މައްޗަށް ހަތް މެޗުގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށެވެ.
ބެންޓަންކޫރްގެ މި ސަސްޕެންޝަނުގެ ސަބަބުން މިވަގުތު އަނިޔާގެ ގިނަ މައްސަލަތަކެއްގެ ހިޔަނިއެޅިފައިވާ ޓޮޓްނަމަށް، ކުރިއަށް އޮތް ލީގު ކަޕް ކުއާޓާ ފައިނަލްގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެން އޮތް މެޗުގެ އިތުރުން ލީގުގައި ލިވަޕޫލާ ދެކޮޅަށް އޮތް މެޗު ވެސް ގެއްލޭނެ އެވެ.