ENGLISH
03 މޭ 2026
ކުޑަ ކަނޑުގެ ސަރަހައްދަކުން، އަޑިއަށް ގޮސްފައިވާ 124 އާގުބޯޓުގެ ބައިތައް ފެނިއްޖެ
03 މޭ 2026
|
އަޑިއަށްގޮސްފައިވާ 124 އާގުބޯޓުގެ ބައިތައް ފެނިފައިވާ ކަނޑުގެ ސަރަހައްދު-- ސިއެންއެން
އެންމެ މަޤްބޫލު
ޔޫރަޕްގެ ދެކުނު ބިތާއި އެފްރިކާގެ ހުޅަނގު އުތުރު ބިތާ ދެމެދު އޮންނަ ޖިބްރޯލްޓާ ކަނޑުއޮޅީގެ ކައިރީގައި އޮންނަ ކުޑަ ކަނޑުގެ ސަރަހައްދަކުން، އަޑިއަށް ގޮސްފައިވާ 124 އާގުބޯޓެއްގެ ބައިތައް، ދިރާސާވެރިން ހޯދައިފި އެވެ.
ސްޕެއިންގެ އާސާރީ ދިރާސާވެރިން މި ތަންތަން ހޯދާފައިވަނީ 2020 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ކުރިއަށް ގެންދިޔަ ސަރވޭއެއްގަ އެވެ. "ބޭ އޮފް އަލްޖެސީރަސް" ނުވަތަ "ބޭ އޮފް ޖިބްރޯލްޓާ" ގެ ނަމުން މަޝްހޫރުވެފައިވާ 29 އަކަ މޭލުގެ މި ސަރަހައްދުން ޖުމްލަ 151 އާސާރީ ތަނެއް ވަނީ ފާހަގަކުރެވިފަ އެވެ. މީގެ ތެރޭގައި އެކި ޒަމާންތަކަށް ނިސްބަތްވާ 124 އުޅަނދެއް ފެނިފައިވެ އެވެ.
ދިރާސާވެރިން ހާމަކުރި ގޮތުގައި މި އުޅަނދުތަކަކީ ތަފާތު އެކި ހަޟާރާތްތަކަށް ނިސްބަތްވާ ތަކެއްޗެވެ. އޭގެ ތެރޭގައި ގަދީމީ ފީނީގީ (ޕިއުނިކް) ޒަމާނާއި، ރޯމަން ދައުރާއި، މެދުޒަމާނުގެ އިތުރުން މިޒަމާނުގެ އުޅަނދުތައް ވެސް ހިމެނޭކަމަށް ބުނެފައިވެ އެވެ. މި ސަރަހައްދަކީ ޒަމާނުއްސުރެ ދުނިޔޭގެ ވިޔަފާރި އާއި ދަތުރުފަތުރުގެ މުހިންމު ސަރަހައްދެއްކަން މި ދިރާސާއިން ހާމަވެގެން ގޮސްފައިވެ އެވެ.
އާގުބޯޓުތައް ފެނިފައިވާ ސަރަހައްދު ތަހުލީލު ކުރުމުގައި-- ސީއެންއެން
މި ދިރާސާގައި އިސްކޮށް އުޅުއްވި ސްޕެއިންގެ ޔުނިވަރސިޓީ އޮފް ކާޑިޒްގެ އެސޯސިއޭޓް ޕްރޮފެސަރ ފެލިޕޭ ސެރޭޒޯ އެންޑްރިއޯ ވިދާޅުވި ގޮތުގައި، ފެނުނު އުޅަނދުތަކުގެ ތެރޭގައި އެންމެ ދުވަސްވީ އުޅަނދަކީ މީލާދުގެ ފަސް ގަރުނު ކުރިއަށް ނިސްބަތްވާ އުޅަނދެކެވެ. މި އުޅަނދަކީ އެ ޒަމާނުގައި ސްޕެއިންގައި މަހުގެ ބާވަތްތައް އުފުލުމަށް ބޭނުންކުރި އުޅަނދެއް ކަމަށް ބެލެވެއެވެ.މީގެ އިތުރުން 19 ވަނަ ގަރުނުގެ ކުރީކޮޅު ހިނގި ނަޕޯލިއަންގެ ހަނގުރާމަތަކާ ގުޅުންހުރި އުޅަނދުތަކާއި، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިޓަލީގެ އަސްކަރިއްޔާއިން ބޭނުންކުރި "މައިއާލޭ" ނަމަކަށް ކިޔާ ކުދި ސަބްމެރިންތަކުގެ ބައިތައް ވެސް ފެނިފައިވެ އެވެ.
މި އުޅަނދުތައް ފެންނަން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ އޮއިވަރަށް އަންނަ ބަދަލުތަކެވެ. އޮއިވަރު ބަދަލުވުމުގެ ސަބަބުން ކަނޑުގެ އަޑީގައި ހުރި ވެލިތައް ކަހައިގެން ގޮސް، ވަޅުލެވިފައިވާ މި އާސާރުތައް ވަނީ ފާޅުވާން ފަށާފަ އެވެ.
މި ތަންތަން ހޯދުމަށް ދިރާސާވެރިން ވަނީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްފަ އެވެ. އޭގެ ތެރޭގައި ކަނޑުގެ އަޑީގެ ޗާޓުތައް ތްރީ-ޑީކޮށް ކުރަހައިދޭ "މަލްޓިބީމް އިކޯސައުންޑަރ" އާއި ދަގަނޑުގެ ބައިތައް ދެނެގަންނަ "މެގްނެޓޯމީޓަރ" ހިމެނެ އެވެ.
މިހާތަނަށް ދިރާސާކުރެވިފައިވަނީ ކަނޑުގެ ދިހަ މީޓަރުގެ ތިލަ ސަރަހައްދެކެވެ. އެހެންނަމަވެސް މި ކަނޑުގެ ފުންމިނުގައި 400 މީޓަރު ހުރެ އެވެ. އެހެންކަމުން ކަނޑުގެ ފުން ސަރަހައްދުތަކުގައި، ގަރުނުތަކެއް ކުރީގެ އާސާރުތައް ހުންނާނެ ކަމަށް ދިރާސާވެރިން ގަބޫލުކުރެ އެވެ. މި ތަންތަން ރައްކާތެރިކޮށް، އިތުރަށް ދިރާސާކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.