ENGLISH

03 މޭ 2026

Advertisement

އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްކޭމްގެ މައްސަލަތަކުގައި 6.9 މިލިއަން ރުފިޔާ ގެއްލިއްޖެ

03 މޭ 2026

|

އައިމިނަތު ޝަފާ

އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްކޭމްގެ މައްސަލަތަކުގައި 6.9 މިލިއަން ރުފިޔާ ވަނީ ގެއްލިފައި

އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްކޭމްގެ މައްސަލަތަކުގައި 6.9 މިލިއަން ރުފިޔާ ގެއްލިފައިވާކަން ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފި އެވެ.

އެންޓި ސްކޭމް ސެންޓަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޭޕްރީލްމަހުގެ ނިޔަލަށް ސްކޭމްގެ 796 މައްސަލަ ރިޕޯޓު ކޮށްފައިވެ އެވެ. އޭގެ ތެރެއިން 344 މައްސަލައެއްގައި ގެއްލުނު ފައިސާ އަނބުރާ ހޯދާފައިވާއިރު، 129 މައްސަލައިގައި ގެއްލުނު ފައިސާގެ ތެރެއިން ބައެއް ވަނީ ހޯދާފަ އެވެ. 

އެ މައްސަލަތަކުގައި 6،933،716 ރުފިޔާ ގެއްލިފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. މީގެތެރެއިން 2،516،407.36 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. 

ފުލުހުންނަށް ރިޕޯޓުކުރި ސްކޭމްގެ ބާވަތްތައް: 

އީ-ކޮމާސް: 448 މައްސަލަ

ފިޝިން، ވިޝިން އަދި ޖޮބް ސްކޭމް: 9 މައްސަލަ

ފައިސާ މާރުކުރުމުގެ މައްސަލަތައް: 120 މައްސަލަ

އޮޅުވާލައިގެން އެހެން މީހެއްގެ އަތުން ފައިސާ ހޯދި: 142 މައްސަލަ

އެހެނިހެން: 77 މައްސަލަ

ފުލުހުންގެ އެންޓި ސްކޭމްގެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯންކޯލާއި، އައިބޭއާއި، އޮންލައިންކޮށް މެސެޖު ކުރެވޭ މަންސަތަކާއި، ފިޝިންގ ލިންކުތަކުގެ އިތުރުން ފޭސްބުކް މާކެޓް ޕްލޭސް އެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

އަދި ސްކޭމަރުން ކާމިޔާބުވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުން ކަމަށްވާއިރު، މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.

މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވައި، ނުވަތަ [email protected]އަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު