ENGLISH
11 އޭޕްރީލު 2025
ތިންވަނަ މެޗުން އިންޑިއާ އާއި އޮސްޓްރޭލިއާ އެއްވަރުވެއްޖެ
18 ޑިސެމްބަރު 2024
|
އިންޑިއާ އާ އޮސްޓްރޭލިއާ ބައްދަލުކުރި ތިންވަނަ ޓެސްޓް މެޗުގެ ތެރެއިން. --ފޮޓޯ: ކްރިކްއިންފޯ
ވިއްސާރައިގެ ސަބަބުން އިންޑިއާ އާ އޮސްޓްރޭލިއާ ބައްދަލުކުރި ތިންވަނަ ޓެސްޓް މެޗުގައި ނަތީޖާ ނުނެރެވި، އެއްވަރުވެއްޖެއެވެ.
ބްރިސްބަންގައި ކުޅުނު މެޗުގެ ޓޮސް ދިމާވުމުން އިންޑިއާ އިން ގަސްދުކުރީ ހޮވަން އަރާށެވެ. އޮސްޓްރޭލިއާ އިން ކުޅެން އަރައި، 117.1 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 445 ލަނޑު ހެދިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 152 ލަނޑު ހެދި ޓްރޭވިސް ހެޑް އާއި 101 ލަނޑު ހެދި ސްޓީވެން ސްމިތު އެވެ. މި އިނިންގްސްގައި އިންޑިއާގެ ވައިސް ކެޕްޓަން، ޖަސްޕްރީތު ބުމްރާ ހަ ވިކެޓް ނެގިއެވެ.
އިންޑިއާގެ ފުރަތަމަ އިނިންގްސްގައި ކުޅެން އަރައި، 78.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 260 ލަނޑަށެވެ. އެންމެ ރަނގަޅަށް ކުޅުނު ކޭއެލް ރާހޫލް 84 ލަނޑުހެދިއިރު، ރަވިންދްރަ ޖަދޭޖާ ނުބައިވީ 77 ލަނޑަށެވެ. އޮސްޓްރޭލިއާ އިން އެންމެ ރަނގަޅަށް އުކީ ކެޕްޓަން، ޕެޓް ކަމިންސް ހަތަރު ވިކެޓްނެގިއިރު، އިތުބާރު އުކުންތެރިޔާ، މިޗޭލް ސްޓާކް ތިން ވިކެޓްނެގިއެވެ.
ވިއްސާރައިގެ ސަބަބުން މެޗުގެ ދެވަނަ ދުވަހާއި، ތިންވަނަ ދުވަހުގެ އިތުރުން ހަތަރެއް އަދި ފަސްވަނަ ދުވަހުގެ ކުޅުމުގެ ގިނަ އޯވަރުތަކެއް ގެއްލުމުގެ ސަބަބުން އެންމެ ރަނގަޅަށް ކުޅެވޭގޮތްވެފައިނުވާއިރު، އޮސްޓްރޭލިއާގެ ދެވަނަ އިނިންގްސްގައި ރަނގަޅަށް ފެށި ނަމަވެސް، 18 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދި 87 ލަނޑާއެކު އެ ޓީމުން ޑިކްލެއާ ކުރިއެވެ. އެންމެ ރަނގަޅަށް ކުޅުނީ ކެޕްޓަން، ކަމިންސް އާއި އަލެކްސް ކަރޭ އެވެ. ކަމިންސް ވަނީ 22 ލަނޑު ހަދައިފައެވެ. އަލެކްސް ކަރޭ ވަނީ ނުބައިނުވެ 20 ލަނޑު ހަދައިފައެވެ. މި އިނިންގްސްގައި ވެސް އިންޑިއާ އިން އެންމެ ރަނގަޅަށް އުކި ބުމްރާ ވަނީ ތިން ވިކެޓް ނަގައިފައެވެ.
ޖަވާބުގައި އިންޑިއާ އަށް ދެވަނަ އިނިންގްސްގައި މޮޅުވުމަށް ކަނޑައެޅިފައިވާ 275 ލަނޑުގެ ޓާގެޓަށް ވާސިލް ނުވެވި، ވިއްސާރައިގެ ސަބަބުން ކުޅުން ހުއްޓާލިއިރު 2.1 އޯވަރުގެ ތެރޭގައި ހަމަކުރެވުނީ އެންމެ އަށް ލަނޑެވެ. މިއާއެކު، މެޗުގެ ކުޅުން ވަނީ ހުއްޓާލައިފައެވެ.
މި ދެ ޓީމުގެ މެދުގައި ކުރިއަށްދާ ބޯޑަރ-ގަވަސްކަރް ޓްރޮފީގެ ފުރަތަމަ ތިން މެޗަށް ފަހު ދެ ޓީމު ވަނީ 1-1 އިން އެއްވަރުވެފައެވެ.