ENGLISH

30 އޭޕްރީލު 2026

Advertisement

ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު 30 އިންސައްތަ އިތުރު

30 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ތަފާސްހިސާބުތަކުން ފެންނަ އަދަދުތައް --

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 30 އިންސައްތައަށްވުރެ އިތުރުވެއްޖެ އެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކޮށްފައިވާ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބު ރިޕޯޓުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 45,329,118.85 ރުފިޔާ ލިބިފައިވެ އެވެ. މިއީ 2025ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 34,854,157.67 ރުފިޔާއާ އަޅާބަލާއިރު 30.1 އިންސައްތައިގެ ކުރިއެރުމެކެވެ.

ވޭތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މުދަލު ޒަކާތުގެ ގޮތުގައި ލިބޭ މިންވަރު ދަނީ އެއްވަރެއްގައި އިތުރުވަމުންނެވެ. އެގޮތުން 2024 ވަނަ އަހަރު 23.56 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2025 ވަނަ އަހަރު މި އަދަދު ވަނީ 34.85 މިލިއަން ރުފިޔާއަށް އަރައިފަ އެވެ.

މި ކުއާޓަރުގެ ތިން މަހަށް ވަކިން ބަލައިލާ އިރު، ކޮންމެ މަހަކު ވެސް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު ދަނީ އިތުރުވަމުންނެވެ. އެގޮތުން އެންމެ ގިނައިން ޒަކާތް ލިބިފައިވަނީ މާރިޗު މަހުގަ އެވެ.

ޒަކާތު ހައުސްއިން މިއަދު އާންމުކުރި ރިޕޯޓުގައި، އިޖުތިމާއީ އަދި ދީނީ ކަންކަމަށް ޒަކާތު ފަންޑުން ފައިސާ ހޭދަކުރެވުނު ގޮތުގެ ތަފްސީލު ވެސް ވަނީ ހިމަނައިފަ އެވެ. އެގޮތުން ބޭސްފަރުވާގެ އެހީ އާއި، އަސާސީ ބޭނުންތަކާއި، ރަމަޟާން މަހުގެ އެހީއާއި، ޤުރްއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތަކާއި، ތައުލީމީ އެހީގެ އިތުރުން އިޖުތިމާއީ ތަރައްގީގެ މަޝްރޫއުތަކަށް ޖުމުލަ 13,379,720.58 ރުފިޔާ ހޭދަކޮށްފައިވެ އެވެ. މީގެތެރެއިން އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައިވާ ފަރާތްތަކަށެވެ. އެއީ ގާތްގަނޑަކަށް 6.69 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ފީސަބީލިﷲ ބަޔަށް 5.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ޒަކާތު އާމިލުންނަށް 815,000 ރުފިޔާ، އަދި އިބްނުއްސަބީލް ބަޔަށް 363,000 ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ޒަކާތުގެ ފައިސާ ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކުރުމަށްޓަކައި، ޖުމްލަ 41,078,781.90 ރުފިޔާ އިންވެސްޓުކޮށްފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ "ދާރުއްސަލާމް" އާއި "ދާރުލްއަރުޤަމް" ވަގުފު އިމާރާތްތައް ތަރައްގީކުރުމުގެ މަޝްރޫއުތަކެވެ.

މުދަލު ޒަކާތުގެ އާމްދަނީއަށް ލިބުނު މި ބޮޑު ކުރިއެރުމަކީ އާންމުންގެ ހޭލުންތެރިކަމާއި ދީނީ ވާޖިބު އަދާކުރުމަށް އޮތް ޝައުގުވެރިކަން ހާމަކޮށްދޭކަމެކެވެ. އަދި މިއީ ރާއްޖޭގެ އިޖުތިމާއީ ދުޅަހެޔޮކަމާއި މުޖުތަމައު ތަރައްގީކުރުމުގައި ޒަކާތުގެ މުހިންމު ދައުރު އިތުރަށް ވަރުގަދަ ވެގެންދާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު