ENGLISH
30 އޭޕްރީލު 2026
ޕީސީބީގެ ރައީސަކަށް ނިޒާރު އައްޔަނުކުރައްވައިފި
30 އޭޕްރީލު 2026
|
މއ. ޔެލޯބެލް މުޙައްމަދު ނިޒާރު
އެންމެ މަޤްބޫލު
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަޤާމަށް ބޭފުޅަކު އައްޔަނު ކޮށްފި އެވެ.
ޕީސީބީން ދެންމެ ބުނީ އެ ބޯޑްގެ ރައީސްގެ މަޤާމުގައި ހުންނެވި ގއ. ދެއްވަދޫ ދޭލިޔާގެ، މުޙައްމަދު އަނަސް އިސްތިޢުފާ ދީފައިވާތީވެ އެ އިސްތިޢުފާ ޤަބޫލުކޮށްފައިވާ ކަމަށެވެ.
އަދި ޕީސީބީގެ ރައީސްގެ މަޤާމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މއ. ޔެލޯބެލް މުޙައްމަދު ނިޒާރު އައްޔަނުކޮށްފައި ކަމަށް ވެސް ބުންޏެވެ.
ޕީސީބީން ވަނީ ނިޒާރަށް މަރުޙަބާ ކިޔާފަ އެވެ. އަދި ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކޮށް އަނަސްއަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
މުޙައްމަދު ނިޒާރަކީ ބައިނަލްއަޤުވާމީ ވިޔަފާރި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާއަކީ ދައުލަތުގެ ކުންފުނިތައް ކޯޕަރަޓައިޒް ކުރުމާއި، އެ ކުންފުނިތަކުގެ ހިންގުން މޮނިޓަރކޮށް ބެލެހެއްޓުމުގެ ފަންނީ މާހިރެކެވެ.
މީގެ ކުރިން 2014 އިން 2019 އަށް ވެސް ނިޒާރު ވަނީ ޕީސީބީ ގެ ރައީސްކަމުގެ މަޤާމު ފުރުއްވާފަ އެވެ. އެ މުއްދަތުގައި ސަރުކާރުގެ ޕްރައިވެޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން އެޖެންޑާ ކުރިއެރުވުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ. ދައުލަތުގެ ކުންފުނިތައް ހިންގުމުގެ ނިޒާމުތައް (ގަވަރނަންސް ފްރޭމްވޯކް) ހަރުދަނާކޮށް، މަސައްކަތުގެ ހިންގުން ހަލުވިކުރުމުގައި ނިޒާރުގެ އިސްނެންގެވުން ފާހަގަކޮށްލެވެ އެވެ.
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، އެ ކުންފުނީގެ އިމްޕޯޓް، އެޑްމިނިސްޓްރޭޝަން، އައި.ޓީ، އަދި ސޭލްސް ފަދަ މުހިންމު ދާއިރާތަކުގެ ޖެނެރަލް މެނޭޖަރުކަމާއި ޑެޕިއުޓީ ޑިރެކްޓަރުކަން ފަދަ އިސް އެގްޒެކެޓިވް މަޤާމުތައް ވެސް އޭނާ ވަނީ ފުރުއްވާފައެވެ. އެސްޓީއޯ ގައި އުޅުއްވި މުއްދަތުގައި އީއާރްޕީ (ERP) ނިޒާމު ޤާއިމުކުރުމާއި، ސަޕްލައި ޗެއިން ހަރުދަނާކުރުމާއި، ބައިނަލްއަޤުވާމީ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުން ފަދަ އިސްތިރާޖީ މުހިންމު މަޝްރޫޢުތަކުގައި ބައިވެރިވެވަޑައިގެންފައިވެ އެވެ.
މީގެއިތުރުން، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑް އަދި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތަކުގެ ބޯޑު މެންބަރުކަން ކުރެއްވުމުގެ އިތުރުން، ރިސްކް މެނޭޖްމަންޓް، ޕްރޮކިއުމަންޓް، އަދި ކޯޕަރޭޓް ގަވަރނަންސްއާ ގުޅޭ ޤައުމީ ފެންވަރުގެ އެކި ކޮމިޓީތަކުގައިވެސް ނިޒާރު ވަނީ ޢަމަލީގޮތުން މަސައްކަތް ކުރައްވާފައެވެ.
މުޙައްމަދު ނިޒާރަކީ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (MBA) އަދި ގްރެޖުއޭޓް ސެޓްފިކެޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، ކޯޕަރޭޓް ގަވަރނަންސް އާއި ދައުލަތުގެ ކުންފުނިތައް ހިންގުމާ ގުޅޭ ބައިނަލްއަޤުވާމީ ގިނަ ތަމްރީނު ޕްރޮގްރާމްތަކާއި މަތީ ފަންތީގެ ފޯރަމްތަކުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.