ENGLISH
30 އޭޕްރީލު 2026
ވޯޓް ދިން ގޮތުން އެމްޑީޕީ ދެ ފެކްޝަން ކޯޅެނީ، ތުހުމަތާއި ފުރައްސާރަ
30 އޭޕްރީލު 2026
|
ވޯޓް ދިން އެމްޑީޕީގެ މެންބަރުން --
އެންމެ މަޤްބޫލު
ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމާއިމެދު އިއްޔެ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓްގައި ވަޒީރުންނަށް ރުހުންދޭން ފެންނަ ކަމަށް އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ވޯޓް ދިނުމުން އެ ޕާޓީގެ ދެ ފެކްޝަންގެ މެދުގައި ކޯޅުން ބޮޑުވެ ތަފާތު ތުހުމަތުތަކާއި އެކު އެ މެމްބަރުންނަށް ފުރައްސާރަ އަމާޒުކޮށްފި އެވެ.
އިއްޔެގެ ވޯޓްގައި މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ 12 މެންބަރުންގެ ތެރެއިން ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު އަޙްމަދު ޝަމްހީދާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އާއި ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރާއި ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދާއި މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރާއި މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ ވަނީ ގިނަ ވަޒީރުންނަށް ރުހުންދޭން ފެންނަ ކަމަށް ވޯޓް ދެއްވާފަ އެވެ.
އެ މެންބަރުން ވޯޓް ދިން ގޮތާއިމެދު ހިތްހަަމަނުޖެހި އެމްޑީޕީގެ ނަޝީދު ފެކްޝަންގެ ގިނަ ބަޔަކު ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޚާއްސަކޮށް ނަޝީދުގެ ވަފާތެރި މެންބަރުން ދަނީ ވަރަށް ޒާތީކޮށް އަދި ތަފާތު ތުހުމަތުތައް އަމާޒުކޮށް ވާހަކަ ދައްކަމުންނެވެ.
ވޯޓް ދިނުމުގެ ފަހަތުގައި އޮތީ އަޑިނޭންގޭ ޑީލެއް ކަމަށާ މާލީ މަންފާ ހޯދި ކަމަށްވެސް ބައެއް މީހުން ދަނީ ތުހުމަތު ކުރަމުންނެވެ. ޚާއްސަކޮށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދަށް ނަޝީދުގެ ފެކްޝަނުން ވަނީ ތުހުމަތު އަމާޒުކޮށްފަ އެވެ. ޝަމްހީދަކީ ރައީސް ވަހީދުގެ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި ބޭފުޅެއް ކަމަށް ތުހުމަތުކޮށް އެއީ އަސްލު އެމްޑީޕީ މެންބަރެއްތޯ ވެސް ބައެއް މީހުން ސުވާލު އުފައްދާފައިވެ އެވެ.
ފާޑުކިޔުން އަމާޒުވުމުން މެންބަރު ޝަމްހީދާއި މެންބަރު މުހައްމަދު އިބްރާހީމް ވަނީ އެއީ ހެދުނު ގޯހެއް ކަމަށް ވިދާޅުވެ މައާފަށް ވެސް އެދިފަ އެވެ. އެކަމާއި ގުޅިގެންވެސް ޒުވާބު އިތުރަށް ހޫނުވި އެވެ. ގަލޮޅު ތަމްސީލު ކުރާ މާލެ ސިޓީ ކައުންސިލްގެ މިހާރުގެ މެންބަރު ސައިފް ފާތިހު ވަނީ ގަލޮޅު މީހުންގެ ގާތު އެފަދަ އުޒުރުތައް ނުދައްކަން މެންބަރު ކުޑޫއަށް ގޮވާލާފަ އެވެ.
ކުރީގެ މެންބަރު އަލީ އާޒިމާއި ކުރީގެ މެންބަރު މުހައްމަދު ވަހީދާއި ނަޝީދުގެ އެންމެ އަރިސް ސޯޝަލް މީޑިއާ އެކްޓިވިސްޓުން ދަނީ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ އެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
މި މީހުންގެ ފާޑުކިޔުން މި މެންބަރުންނަށް ބޮޑަށް އަމާޒުވީ ޕީޖީ ގުރޫޕްގެ ބޮޑު އިންސައްތައެއް ޗެއާޕާސަން އިންތިޚާބުގައި މީކާއީލަށް ތާއީދުކުރަން ނިންމާ ރައީސް ނަޝީދަށް ނޫނެކޭ ބުނުމުންނެވެ.