ENGLISH

30 އޭޕްރީލު 2026

Advertisement

ޒުވާން އުމުރުގައި ވެސް ކެންސަރު ބައްޔަށް ހުށަހެޅިދާނެ: ދިރާސާ

30 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ޒުވާން އުމުރުގައި ކެންސަރު ބަލި ޖެހޭ މިންވަރު ދަނީ އިތުރުވަމުން. -- ފޮޓޯ: ވޯލްޑް ކެންސަރ ރިސާޗް ފަންޑް

ޒުވާން އުމުރުގެ މީހުންގެ މެދުގައި ކެންސަރުގެ 11 ބާވަތެއް ފެންނަ މިންވަރު އަންނަނީ އިތުރުވަމުން ކަމަށް، އިނގިރޭސިވިލާތުގެ ސައިންސްވެރިން ކުރި އާ ދިރާސާއަކުން ދައްކައިފިއެވެ.

އިންސްޓިޓިއުޓް އޮފް ކެންސަރ ރިސާޗް އާއި ލަންޑަނުގެ އިމްޕީރިއަލް ކޮލެޖް ގުޅިގެން ކުރި މި ދިރާސާއިން އެނގޭ ގޮތުގައި، އުމުރުން ވިހީގެ އަހަރުތަކާއި، ތިރީހުގެ އަހަރުތަކާއި އަދި ސާޅީހުގެ އަހަރުތަކުގައި ކެންސަރު ޖެހޭ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން މިއީ ކީއްވެގެން ދިމާވާ ކަމެއްތޯ ބެލުމަށް ސައިންސްވެރިން އަންނަނީ ގިނަ ދިރާސާތަކެއް ކުރަމުންނެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި، އިތުރުވަމުންދާ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި ގޮހޮރުގެ ކެންސަރު، ތައިރޮއިޑް، ފުރަމޭ، ކިޑްނީ، ޗިސްމޭ، އުރަމަތި އަދި ރަހިމުގެ ކެންސަރު ހިމެނެ އެވެ. މީގެ ތެރެއިން ޒުވާނުންގެ މެދުގައި އެންމެ އާންމީ ގޮހޮރުގެ ކެންސަރާއި އުރަމަތީގެ ކެންސަރެވެ.

ސައިންސްވެރިން ބުނާ ގޮތުގައި، ކެންސަރު އިތުރުވާ ސީދާ ސަބަބު އަދި މުޅިން ސާފުނުވި ނަމަވެސް، ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި މީހުންގެ ބަރުދަން އިތުރުވުމާއި އޮބީސިޓީ (މާބޮޑަށް ފަލަވުން) އިތުރުވުމަކީ މީގެ މައިގަނޑު އެއް ސަބަބެވެ. ހަށިގަނޑުގައި އިތުރުވާ ސަރުބީގެ ސަބަބުން އިންސިއުލިން ފަދަ ހޯރމޯންތަކަށް ބަދަލު އައިސް، ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ. އެހެންކަމުން ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަކީ މި ބަލިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިއްމު ކަންތަކެވެ.

ކެންސަރު ޖެހެނީ ހަމައެކަނި ބަރުދަން އިތުރުވުމުން ނޫންކަން ވެސް ދިރާސާއިން ވަނީ ހާމަވެފައެވެ. އެގޮތުން ގޮހޮރުގެ ކެންސަރު ޖެހޭ ކޮންމެ 100 މީހުންގެ ތެރެއިން ބަރުދަން އިތުރުވުމާ ގުޅުން ހުރީ އެންމެ 20 މީހުންނާ އެވެ. ބާކީ 80 މީހުންނަށް ކެންސަރު ޖެހޭ ސަބަބެއް އަދިވެސް ވަނީ ނޭނގިފަ އެވެ. ސައިންސްވެރިން ފާހަގަކުރި ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި ކަސްރަތު ކުރުން ފަދަ ކަންކަން ކުރިއާ އަޅާބަލާއިރު ރަނގަޅުވަމުން އައި ނަމަވެސް، ކެންސަރު އިތުރުވަމުން ދިއުމަކީ ހައިރާންކުރުވަނިވި ކަމެކެވެ.

 23 އަހަރުގައި ގޮހޮރުގެ ކެންސަރުގައި މަރުވި ބްރެޑްލީ ކޫމްބްސް އާއި އޭނަގެ މަންމަ-- ފޮޓޯ: ބީބީސީ

މި ދިރާސާގައި ހިތާމަވެރި ހާދިސާއެއް ހިއްސާކޮށްފައިވެ އެވެ. އެއީ އުމުރުން އެންމެ 23 އަހަރުގައި ގޮހޮރުގެ ކެންސަރުގައި މަރުވި ބްރެޑްލީ ކޫމްބްސްގެ ވާހަކަ އެވެ. އޭނާގެ މަންމަ ކެރޮލައިން ބުނި ގޮތުގައި، ބްރެޑްލީއަކީ ވަރަށް ދުޅަހެޔޮ، ފުޓްބޯޅަ ކުޅުންތެރިއެކެވެ. އޭނާގެ ބަނޑުގައި ރިއްސުމާއި، ބަރުދަން ލުއިވުން ފަދަ ކެންސަރުގެ އަލާމާތްތައް ފެނުނު ނަމަވެސް، އޭނާ އަކީ "ޒުވާނަކަށް ވީތީ" ކެންސަރު ޖެހިދާނެ ކަމަށް ޑޮކްޓަރުން ފުރަތަމަ ގަބޫލެއް ނުކުރި ކަމަށް އޭނާގެ މަންމަ ބުންޏެވެ. އަދި ބަލި ދެނެގަނެވުނު އިރު ވަނީ މުޅި ހަށިގަނޑަށް ފެތުރިފައިކަން ވެސް އޭނާގެ މަންމަ ފާހަގަކުރި އެވެ.

ކެންސަރު ބައްޔަކީ ހަށިގަނޑުގައި އުފެދޭ އާދަޔާ ޚިލާފު ސެލްތަކެއް ހަށިގަނޑުގެ ގުދުރަތީ ނިޒާމުގެ ކޮންޓްރޯލުން ނެއްޓި، ވަކިހިއްޕާލައި، އާދަޔާހިލާފަށް އިތުރުވެ ހަށިގަނޑުގެ ރަނގަޅު ޓިޝޫތައް ހަލާކުކޮށްލުމެވެ.

ރާއްޖޭގައި ވެސް ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ރާއްޖޭގައި މަރުވާ މީހުންގެ 84 އިންސައްތައަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންނަށްވާއިރު، މީގެތެރެއިން 17 އިންސައްތައަކީ ކެންސަރު ބަލީގައި މަރުވާ މީހުންނެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ޒުވާން އުމުރުގައި ކެންސަރު ޖެހޭ މީހުން ނިސްބަތުން މަދެވެ. އެހެން ނަމަވެސް ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގަންނުވައި، ހަށިގަނޑަށް އަންނަ ބަދަލުތަކަށް ސަމާލުވުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު