ENGLISH

30 އޭޕްރީލު 2026

Advertisement

ރައީސްގެ ދަތުރުފުޅުގައި ލަންކާ ވިސާއަށް ހައްލެއް ހޯދުމަށް މަޝްވަރާކުރަނީ

30 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް އަންނަ އާދިއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ލަންކާގެ ވިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ މަޝްވަރާތައް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު ވިދާޅުވެއްޖެ އެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް "ޕްރެސަރ ވިތު ދަ ސްޕޮކްސް" ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގެ ފުރަތަމަ ބައްދަލުވުމުގައި ތަރުޖަމާނު ވިދާޅުވީ ލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ކަންކަން މިހާރު ހަމަޖެހިފައިވަނީ ވަރަށް ދަތި ގޮތަކަށް ކަމަށެވެ. އެކަން ހައްލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށާއި މިކަމަށް ހައްލެއް ހޯދުމަކީ އަންނަ ހަފްތާގައި ރައީސް ލަންކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކުރައްވާނެ މަޝްވަރާތަކެއްކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. 

މީގެ ދެ އަހަރެއްހާ ދުވަސްކުރީން ލަންކާގެ ރައީސް ޑިސަނާޔަކެއާ އެންމެ ފުރަތަމަ ބައްދަލުވީ ދުވަހުވެސް މިކަމުގެ މަޝްވަރާތައް ރައީސް މުއިއްޒު ކުރެއްވިކަން ތަރުޖަމާނު ފާހަގަކުރެއްވި އެވެ.

"ދެ ގައުމަށް ފައިދާވާ ވިންވިން ސިޔާސަތެކޭ އޮތީ ރައީސް ދެންނެވި ލަންކާ ރައީސް އަރިހުގައި. އުސޫލުތަކުގެ ތެރެއިން އޮންނަ އެންމެ ލުއިގޮތެއް މިކަމުގައި ހަމަޖައްސަން އޭރުވެސް ރައީސް ޑިސަނާޔަކެ އެ ގައުމުގެ ހާރިޖީ ވަޒީރަށް ދެންނެވި. އެހެންވީމަ މި މަސައްކަތުގައި ހައި ކޮމިޝަންވެސް އެބަ އުޅުއްވާ. މި މަސައްކަތް ރައީސް ކުރައްވާނެ މި ދަތުރުފުޅުގެ ތެރެއިން،". ތަރުޖަމާނު ވިދާޅުވި އެވެ. 

ލަންކާގައި 2019 ވަނަ އަހަރު ދިން ހަަމަލާތަކަށް ފަހު، އެ ގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމާ އެކު، ލަންކާ އަށް ސަލާމަތީ ގޮތުން ނުރައްކަލެއް ކުރިމަތިވެދާނެ ބޭރު ގައުމުތަކުގެ ލިސްޓެއް އެކުލަވާލައި، އެ ލިސްޓުގައި ރާއްޖެ ހިމެނި އެވެ. އޭގެ ސަބަބުން ވެސް ވިސާ ލިބުމުގައި ދިވެހިންނަށް ބޮޑެތި ދަތިތަކެއް މިދިޔަ މުއްދަތުގައި ކުރިމަތިވި އެވެ. ލަންކާ އަށް ސަލާމަތީ ގޮތުން ނުރައްކަލެއް ކުރިމަތިވެދާނެ ބޭރު ގައުމުތަކުގެ ލިސްޓުން ވެސް ރާއްޖެ ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ރަސްމީކޮށް އުނިކޮށްފަ އެވެ.

އެއަށްފަހު އެ އަހަރުގެ އޯގަސްމަހުގެ ތެރޭގައިވަނީ ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށާއި ލަންކާގެ ރައްޔިތުންނާ ކައިވެނި ކޮށްގެން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް އެއް އަހަރު ދުވަހުގެ މުއްދަތަށް މެޑިކަލް ވިސާ ދޫކުރަން ފަށައިފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު