ENGLISH

30 އޭޕްރީލު 2026

Advertisement

ވަޒީރު އިޙްސާނަށް އެމްޑީޕީ ޕީޖީގެ 8 މެމްބަރުންގެ ރުހުން: ސިޔާސީ މަސައްކަތުގައި މި ކޮލިޓީ ހުންނަންވާނެ

30 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު މަޖިލީހުގެ ޖަލްސާއެއްގައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނެވި ބަދަލުތަކާއެކު، ވުޒާރާތަކުގެ މެންޑޭޓުތައް އަލުން ތަރުތީބުކުރައްވައި މަގާމުގެ ހުވައިކުރެއްވި 14 ވަޒީރުންނަށް ރުހުންދިނުމަށް އިއްޔެ ނެގި ވޯޓުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ އަށް މެމްބަރުންގެ ރުހުން ލިބިއްޖެއެވެ.

ވަޒީރު އިޙްސާނަށް ރުހުންދޭން ފެންނަ ކަމަށް 70 މެމްބަރުން ވޯޓު ދެއްވި އެވެ. 

ވަޒީރު އިޙްސާނަށް ރުހުންދޭން ފެންނަކަމަށް ވޯޓު ދެއްވި އެމްޑީޕީގެ ޕީޖީގެ މެމްބަރުން:

- ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދު

- ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ)

- ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ

- ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު

- ތޮއްޑޫ ދާއިރާގެ މެމްބަރު ހުސެއިން ސަމީރު

- ކެޔޮދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިއުޝާދު

- މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރު

- މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ 

އެމްޑީޕީ މެމްބަރުންގެ ވޯޓު ވަޒީރަށް ލިބިވަޑައިގަތުމުން ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދާޚިލީ ވަޒީރަށް އެމްޑީޕީން ތާޢީދުކޮށް ވޯޓު ދިނުމުން ދިވެހި ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް އެމުއައްސަސާއަށް ރައްޔިތުންގެ އިތުބާރު ހޯއްދަވައި ދެއްވުމަށާއި ބިދޭސީންގެ މައްސަލަތައް ހައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް އެމްޑީޕީގެ ތާޢީދު އޮތްކަން ހާމަވެގެންދާ ކަމަށެވެ. 

ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު "އެކްސް"ގައި ކުރެއްވި ޕޯސްޓު

ޝުޖާއު މިފަދައިން ވިދާޅުވި އިރު ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު މިހާރު ވަނީ އެއްކޮށްފައެވެ. އަދި އިތުރު މަރުޙަލާތަކުގެ ދަށުން ރާއްޖެއަށް އެތެރެވުމަށް ކޯޓާ ދިން ފަރާތް ނޫން ފަރާތްތަކަށް މަސައްކަތް ކުރަމުންދާ ބިދޭސީން ގެންގުޅޭ ފަރާތްތަކަށް އަންނަ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް ގަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުޞަތު މިހާރު ވަނީ ދީފައެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭނެ އެންމެ ފަހު ފުރުޞަތު ދީފަވާއިރު މި މުއްދަތުގެ ފަހުން އިތުރު ފުރުޞަތެއް ނުދޭން ސަރުކާރުން ވަނީ ނިންމާފައެވެ.

އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓުކުރާނެ ކަމުގެ އިންޒާރު ސަރުކާރުން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު