ENGLISH

30 އޭޕްރީލު 2026

Advertisement

ލަންކާއާއެކު 7 އެއްބަސްވުމެއް އެކުލަވާލަނީ

30 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ލަންކާގެ ރައީސް މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން. ފޮޓޯ؛ރައީސް އޮފީސް

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް އަންނަ އާދިއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މުހިންމު ހަތް އެއްބަސްވުމެއްގައި ސޮއިކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ވިދާޅުވީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި ސްރީލަންކާގެ އިސް މަސްއޫލުވެރީންނާ ބައްދަލުކުރައްވުމުގެ އިތުރުން ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭގޮތުން އެ ޤައުމުގެ ރައީސާއެކު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދެވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ދެ ލީޑަރުންގެ ހާޒިރުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމުގެ އެއްބަސްވުންތައް ބަދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. 

މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ތަފާތު ހަތް އެއްބަސްވުމެއްގައި ސޮއިކުރައްވާނެކަން ތަރުޖަމާނު ހާމަކުރެއްވި ނަމަވެސް މި އެއްބަސްވުންތަކުގެ ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ. 

މި ދަތުރުފުޅާ ގުޅޭ މައުލޫމާތު ހާމަކޮށް މީގެ ކުރިން ލަންކާގެ ނޫސްތަކުން ބުނެފައިވަނީ ލަންކާގެ މަހުގެ އުފެއްދުންތައް ދުބާއީ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަމުންދާ ދިއުން ނިމުމަކަށް ގެނެސް، މެދުވެރިއަކާ ނުލައި ސިލޯނުން ސީދާ ރާއްޖެއަށް މި ތަކެތި ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުން ހިމެނޭހެން މަސްވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރެވެމުން ދާކަމަށެވެ. 

ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރި މުނާސަބަތާ ގުޅުވައިގެން، ފާއިތުވި އަހަރުގެ ޖުލައި މަހު ރައީސް ޑިސަނާޔަކެ ދިވެހިރާއްޖެއަށް ދަތުރުފުޅެއް ކުރައްވާފައިވާއިރު މި ދަތުރުފުޅުގެ ތެރެއިން ވެސް މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައި ވެއެވެ. އެއީ:

1. ޑިޕްލޮމެޓިކް ތަމްރީންތަކާއި މައުލޫމާތު ބަދަލުކުރުމާ ގުޅޭ ގޮތުން ސްރީ ލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިޕްލޮމެޓިކް ސްޓަޑީޒް އާއި ރާއްޖޭޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް (ފޮސިމް)އާ ދެމެދު ސޮއިކުރި އެމްއޯޔޫ.

2. ކުށުގެ ތަހުގީގާއި، ދައުވާ ކުރުމުގައި ދެ ގައުމުގެ ދެމެދުގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދެގައުމުން ގުޅިގެން ޑިޕްލޮމެޓުން ތަމްރީންކުރުމާއި، އެދާއިރާއިން ގުޅިގެން މަސައްކަތްކުމުގެ އެއްބަސްވުން.

ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 26 ޖުލައި 1965 ގައެވެ.

ކިޔުންތެރިންގެ ހިޔާލު