ENGLISH
30 އޭޕްރީލު 2026
ރަނާއި ރިއްސާއި ޖަވާހިރަށްވުރެ އިންސާނީ ވަޞީލަތްތަކުގެ އަގު ބޮޑު: ތަޢުލީމީ ވަޒީރު
30 އޭޕްރީލު 2026
|
ތަޢުލީމާއި މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުކޮށްދެއްވަނީ -- ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
ރަނާއި ރިއްސާއި ޖަވާހިރަށްވުރެ އިންސާނީ ވަޞީލަތްތަކުގެ އަގު ބޮޑު ކަމަށް ތަޢުލީމާއި، މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީ އަދި ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވެދެއްވީ، މީގެ 15 އަހަރުކުރިން ވިދާޅުވި ފޮތެއްގައި ފާހަގަކުރައްވާފައިވާ ހާދިސާއެކެވެ. އަމީރުލް މުޢުމިނީން އަސްހާބު ބޭފުޅުންނާއެކު އިންނެވި ބައްދަލުވުމެއްގައި ކަން ހިނގިގޮތުގެ ވާހަކަކަން ބަޔާން ކުރައްވައި، އެ ބައްދަލުވުމުގައި އެކުގައި ތިއްބެވި ބޭފުޅުންނަށް ޢުމަރުގެފާނު ވިދާޅުވިކަމަށް އެ ފޮތުގައި ލިޔުއްވާފައިވާ ވާހަކައެވެ.
"ދުޢާއެއް ކޮށްބަލާށޭ ނުވަތަ ކޮންމެވެސް އެދުމެއް ކޮށްބަލާށޭ. މިހާރުގެ ބަހުރުވައިން ނަމަ ކޮންމެވެސް ވިޝްއެއް ކޮށްބަލާށޭ. އެ ހިނދު އެކުގައި ތިއްބެވި އަސްހާބު ބޭކަލުންގެ ތެރެއިން އެއް ބޭކަލަކު ވިދާޅުވީ ތިމަންނަ އެދެނީ މި ގެ ފުރެންދެން ރަން ހުރިނަމައޭ، އަނެއް ބޭކަލަކު ވިދާޅުވި ތިމަންނާ އެދެނީ ތިމަންނަމެން މި ތިބަ ގެ ފުރެންދެން ޖަވާހިރު ހުރިނަމައޭ" ޑރ. އިސްމާއިލް ޝަފީއު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ، ޢުމަރުގެފާނާ ހަމައަށް އައީމާ އެމަނިކުފާނު ވިދާޅުވީ، ތިމަންކަލޭގެފާނު އެދެނީ އަބޫއުބައިދާ ފަދަ މުސްހަބު ފަދަ ބޭކަލުންނާއިގެން ފުރިފައި އޮތުން ކަމަށެވެ. މިއިން އަޅުގަނޑުމެންނަށް ލިބިދޭ ފިލާވަޅަކީ ވަރަށް ޢިބްރަތްތެރި ވަރަށް މުޙިއްމު ފިލާވަޅެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ޢުމަރުގެފާނު އެ ވިދާޅުވި ވާހަކައިގެ ފުންމިން ވަރަށް ބޮޑު ކަމަށެވެ. އެ ވިދާޅުވި ބަސްފުޅުން ރަމްޒުކޮށްދެނީ ރަނާއި ރިއްސާއި ޖަވާހިރަށްވުރެ އިންސާނީ ވަޞީލަތްތަކުގެ އަގުބޮޑުކަމެވެ.
"އެ ބަސްފުޅުން އެނގިގެން ދަނީ، ޤައުމައިގެން ކުރިއަށްދާނެ ހުނަރުވެރި ދީންވެރި އަމާނާތްތެރި ކެރޭ ބައެއްކަން" ދަސްވެނީންނަށް އިޝާރާތްކުރައްވައި ޑރ. އިސްމާއިލް ވިދާޅުވި އެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވީ، ޔުނިވަރސިޓީން ސަނަދު ހާޞިލްކޮށްގެން ދަސްވެނިވާ ހުރިހާ ދަރިވަރުންނަކީ އަޒުމާއި ނިޔަތުގައި ޤައުމައިގެން ކުރިއަށްދާނެ ދަރިވަރުން ކަމުގައިވުމަކީ އެންމެންގެ އެދުން ކަމަށެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރަމުން އަންނަނީ ހަޤީޤަތުގައިވެސް ވަރަށް ބޮޑު އިންވެސްޓްމަންޓެއްކަމަށް ވަޒީރު ވިދާޅުވީ އެވެ. އަދި ކުލާހަކަށް ވަކި ވަގުތުތަކެއްގައި ދަރިވަރުން އައިސް ލެކްޗަރާއިންނާއި ފަންނުވެރި ބޭފުޅުން ދަރިވަރުންނާއެކު ހޭދަކުރެއްވި ވަގުތަކީ މުހިންމު ވަގުތެއްކަމަށާއި، ފިލާވަޅުތަކަށްވުރެ މާ އަގުހުރި ވާހަކަތަކެއް ދެކެވިފައި ހުންނާނެ ކަމަށާއި ފާސްވި ސަނަދަށްވުރެ މާ އަގުބޮޑު ފިލާވަޅުތައް އެ ލެކްޗަރާއިންގެ ކިބައިން ލިބިދީފައިވާނެ ކަމަށެވެ.
ދަސްވެނިވި ހުރިހާ ދަރިވަރުންނަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައި ޤައުމު ބިނާކުރާ ބަޔަކަށްވުމަކީ، ވަޒީރު އެންމެ އެދިވަޑައިގަންނަވާ ގޮތްކަމަށް ވިދާޅުވި އެވެ.
ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިއަދު ހެނދުނު ދަންފަޅި ޚާއްޞަ ކުރީ ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީ އަދި ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސްގެ ދަރިވަރުންނަށެވެ.