ENGLISH

30 އޭޕްރީލު 2026

Advertisement

އެސްއެމްއީ ޑިޖިޓަލްގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވެންޑަރުންނަށް ހުޅުވާލައިފި

30 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

އެސްއެމްއީ ޑިޖިޓަލްގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވެންޑަރުންނަށް ހުޅުވާލުން-- ފޮޓޯ: އެސްއެމްއީ ޑިޖިޓަލް

އެސްއެމްއީ ޑިޖިޓަލްގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވެންޑަރުންނަށް ހުޅުވާލައިފި އެވެ.

އެ ކުންފުނިން ބުނީ، މިއީ ހުރިހާ ބާވަތެއްގެ މުދަލާއި ޚިދުމަތްދޭ ފަރާތްތަކަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލި ފުރަތަމަ ފަހަރުކަމަށެވެ.

މުދަލާއި ޚިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް އެސްއެމްއީ ޑިޖިޓަލްގައި ވެންޑަރެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެފައިވެ އެވެ. އެކުންފުނިން އިތުރަށް ބުނީ މީގެ އެންމެ މުހިންމު ބޭނުމަކީ އެސްއެމްއީ ޑިޖިޓަލް ފައިނޭންސިން މެދުވެރިކޮށް ތަކެތި ގަތުމަށް ހުށައަޅާ ފަރާތްތަކަށް މުދަލާއި ޚިދުމަތް ހޯދޭނެ ތަންތަން އިތުރުކޮށްދިނުން ކަމަށެވެ.

ވެންޑަރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކަށް، އެސްއެމްއީ ޑިޖިޓަލްގެ ވެންޑަރ ރަޖިސްޓްރޭޝަން ފޯމު ފުރާލުމުން ފަސޭހަކަމާއެކު ރަޖިސްޓަރ ކުރެވޭނެ އެވެ. ރާއްޖޭގެ އެކި ހިސާބުތަކުން މިހާރުވެސް ބައެއް ވެންޑަރުން ވަނީ އެސްއެމްއީ ޑިޖިޓަލްގައި ރަޖިސްޓްރީކޮށްފަ އެވެ. އެގޮތުން ވެންޑަރުން ރަޖިސްޓްރީވުމުން، އޮޅުވާލައިގެން ފައިސާ ހޯދައި ، މުދަލާއި ޚިދުމަތް ނުލިބިގެން ދިމާވާ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އެސްއެމްއީ ޑިޖިޓަލް އިން ބުނެފައިވެ އެވެ.

އެ ކުންފުނީގެ އަމާޒަކީ ހަމައެކަނި ފައިނޭންސިން ފޯރުކޮށްދޭ ތަނެއްގެ ބަދަލުގައި، ކުދި ވިޔަފާރިތަކުގެ ހުރިހާ މަރުޙަލާއެއްގައި އަމަލީގޮތުން ބައިވެރިވާ މުއައްސަސާއަކަށް ހެދުން ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ޙަސަން މީގެކުރިން ބުނެފައިވެ އެވެ.

އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ފަސޭހައިން ލިބޭ ކުދި ފައިނޭންސިންގ ފުރުސަތުތަކުގެ އެހީގައި އައު ހިޔާލުތައް އާމްދަނީ ލިބޭ ފަދަ ވިޔަފާރިތަކަށް ބަދަލުވެ ޒުވާނުންނަށާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް ވަނީ ބޮޑެތި މަންފާތަކަށް ލިބިގެން ގޮސްފައިވެ އެވެ. މީގެ އިތުރުން، އަންހެން ވިޔަފާރިވެރިން އިގްތިސާދީ ގޮތުން ބާރުވެރިކުރުމަށް، އެސްއެމްއީ ޑިޖިޓަލް އިން ވަނީ މާލީ މިނިވަންކަން ކަށަވަރުކޮށްދޭނެ ހާއްސަ ފައިނޭންސިންގ ސްކީމްތަކެއް އެކުލަވާލާފައިވެ އެވެ.

އެސްއެމްއީ ޑިޖިޓަލްއަކީ، ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ފުޅާދާއިރާއެއްގައި ފައިނޭންސިންގ ފޯރުކޮށްދޭ އެއް މުއައްސަސާ އެވެ. އެ ކުންފުނިން ވަނީ މިހާތަނަށް ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 189 ރަށެއްގެ ކުދި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު