ENGLISH
30 އޭޕްރީލު 2026
ޖެޓް ފިއުލް ލީޓަރަކުން 24 ސެންޓް އަގުހެޔޮކޮށްފި
30 އޭޕްރީލު 2026
|
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖެޓު ފިއުލް އެޅުމުގެ ޚިދުމަތް ދެއްވާ އެމްއޭސީއެލްގެ މުވައްޒަފުން ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްއޭސީއެލް
އެންމެ މަޤްބޫލު
މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެކު ކުރި މަސައްކަތުން ޖެޓް ފިއުލްގެ އަގު ކުޑަކުރެވިފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތަކެތީގެ އަގު އުފުލެމުން އަންނައިރު ޖެޓް ފިއުލްގެ އަގު ބޮޑުވުމަކީ ވަރަށް ގިނަ ބަޔެއްގެ ކަންބޮޑުވުމެއް ކަމަށެވެ.
މި މައްސަލަ ހައްލުކުރަން މައި އެއާޕޯޓް ހިންގާ ކުންފުނި، އެމްއޭސީއެލްއާއެކު ސަރުކާރުން ކުރި މަޝްވަރާތަކުން ޖެޓް ފިއުލްގެ ކޮންމެ ލީޓަރަކުން 24 ސެންޓް ކުޑަކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަގަށް ގެނައި މި ބަދަލާ އެކު، ޖެޓް ފިއުލް ލީޓަރެއް ދެން ވިއްކާނީ 1.44 ޑޮލަރަށެވެ.
""އެހެންވީމަ މީގެއިން މި ދައްކައިދެނީ އަޅުގަނޑުމެންނަށް ހަނގުރާމައިގެ ހާލަތު ބަދަލުވެ، މިޑްލްއީސްޓްގެ ކޮރިޑޯތައް ހުޅުވެމުންދާ ވަރަކަށް އަޅުގަނޑުމެން ރާއްޖެއަށް ވަމުންދިޔަ ގެއްލުން އިރާދަކުރެއްވިއްޔާ މުސްތަގުބަލުގައި، ކުރިއަށް އޮތް ހަފުތާ ނޫނީ ދެ ހަފުތާ ނޫނީ ތިން ހަފުތާ ހިސާބުގައި އަޅުގަނޑުމެންނަށް އަލިކަމެއް ފެންނާނެ ކަމުގެ ނިޝާންތައް،"" - ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
މި ދަތި ދަނޑިވަޅުގަ މި ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އެމްއޭސީއެލްއަށް ޖެޓް ފިއުލް ސަޕްލައިކުރާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެންމެ ގިނައިން ތެޔޮ އެތެރެކުރަނީ އޮމާނުންނެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަމުންދާ ލޮޅުންތަކާއެކުވެސް ރާއްޖެއަށް ބޭނުންވާ ތެޔޮ ހުއްޓުމެއްނެތި ލިބޭނެކަން ކަށަވަރުކުރާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ.