ENGLISH

24 ޖުލައި 2026

Advertisement

ގާޑިއޯލާއާ މަޝްވަރާކުރުމުގެ ކުރިން، އިޓަލީގެ ކޯޗުގެ މަގާމު އަންޗެލޮޓީއަށް ހުށަހެޅި

24 ޖުލައި 2026

|

އިސްމާއިލް ޝާހު

ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ --- ފޮޓޯ: ރޮއިޓަރސް

އިޓަލީގެ ޤައުމީ ޓީމުގެ ކޯޗުކަމުގެ މަގާމާ ގުޅޭގޮތުން ޕެޕް ގާޑިއޯލާއާ މަޝްވަރާކުރުމުގެ ކުރިން، ކާލޯ އަންޗެލޮޓީއަށް އެ ފުރުސަތު ހުށަހެޅި ކަމަށް އިޓަލީގެ ޓެކްނިކަލް ޑައިރެކްޓަރު ޕައުލޯ މަލްޑިނީ ބުނެފިއެވެ.

ޖެހިޖެހިގެން ތިންވަނަ ފަހަރަށް ފީފާ ވޯލްޑް ކަޕަށް ކޮލިފައިނުވުމާ ގުޅިގެން، މިދިޔަ އޭޕްރީލް މަހު ޖެނާރޯ ގަޓޫސޯ މަގާމުން ވަކިވުމުން، ހަތަރު ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އިޓަލީން އަންނަނީ އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން މަލްޑިނީ ބުނީ ގާޑިއޯލާއާ ވާހަކަދެއްކުމުގެ ކުރިން އަންޗެލޮޓީއާ މަޝްވަރާކުރި ކަމަށާއި، ދުނިޔޭގެ އެންމެ މޮޅު ކޯޗުންގެ ގޮތުގައި ބެލެވޭ ފަރާތްތަކުން މަސައްކަތް ފެށުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ.

ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ކަށަވަރުކޮށްދީފައިވާ ގޮތުގައި މި އަހަރުގެ ވޯލްޑް ކަޕުގެ ގަދަ 16 ގައި ނޯވޭ އަތުން ބަލިވި ނަމަވެސް، އަންޗެލޮޓީ އެ ޤައުމުގެ ކޯޗުކަމުގެ މަގާމުގައި ދެމިހުންނާނެއެވެ. އަންޗެލޮޓީއަކީ މަލްޑިނީއާއެކު އޭސީ މިލާނަށް ކުޅުނު ގާތް ރަހުމަތްތެރިއެކެވެ.

އިޓާލިއަން ލީގުގެ އިސްވެރިންނާ ބައްދަލުކުރުމަށްފަހު މަލްޑިނީ ބުނީ މި ހަފުތާ ނިމުމުގެ ކުރިން ކޯޗަކު އައްޔަންކުރުމަކީ އިޓަލީގެ ފެޑަރޭޝަނުން އެންމެ ބޭނުންވާ ގޮތް ކަމަށާއި، ނަމަވެސް އެންމެ މުހިންމު ކަމަކީ އެ މަގާމަށް އެންމެ އެކަށީގެންވާ މީހަކު ހޯދުން ކަމަށެވެ.

އިޓަލީގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ގާޑިއޯލާ އެ މަގާމަށް އަހަރަކު 20 މިލިޔަން ޔޫރޯ (22.8 މިލިޔަން ޑޮލަރު) އެދެމުންދާއިރު، މިއީ އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނުން ހުށަހެޅި އަދަދަށްވުރެ ދެގުނަ ބޮޑު އަދަދެކެވެ. މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން މަލްޑިނީ ބުނީ މިވަގުތު އެއްވެސް އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ. މީގެ އިތުރުން އާއިލާއާއެކު ބާސެލޯނާގައި ގިނަ ވަގުތު ހޭދަކުރުމަށް ގާޑިއޯލާ ބޭނުންވުމަކީވެސް މި މަޝްވަރާތަކަށް ދިމާވެފައިވާ ހުރަހެއް ކަމަށް އެ ނޫހުން ރިޕޯޓުކުރެއެވެ.

10 އަހަރު ދުވަހުގެ ކާމިޔާބު ދުވަސްތަކަކަށްފަހު ގާޑިއޯލާ މެންޗެސްޓަރ ސިޓީ ދޫކޮށްލީ މިދިޔަ މެއި މަހުއެވެ. އޭނާ ވަނީ އެ ކުލަބާއެކު އިނގިރޭސި ޕްރިމިއަރ ލީގުގެ ހަ ތަށި، ތިން އެފްއޭ ކަޕް، ފަސް ލީގު ކަޕް އަދި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަންގެ އައު ރައީސް ޖިއޮވާނީ މަލާގޯ ވަނީ ޤައުމީ ޓީމުގެ ޓެކްނިކަލް އޮނިގަނޑު އަލުން ބައްޓަންކުރުމުގެ ޒިންމާ، ކުރީގެ މަޝްހޫރު ޑިފެންޑަރު މަލްޑިނީއާ ހަވާލުކޮށްފައެވެ. މަލްޑިނީގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރާ ލިއޮނާޑޯ ބުނި ގޮތުގައި އިޓަލީގެ ދެން ހުންނަ ކޯޗަކީ ޤައުމީ ޓީމާއި ޒުވާން ޓީމުތަކުގެ ތަމްރީނުތަކާއި ކުޅުންތެރިން ކުރިއަރުވާނެ ދިގު މުއްދަތުގެ މަޝްރޫއަކަށް ތާއީދުކުރާ މީހަކަށް ވާންޖެހޭނެއެވެ.

މި މަގާމަށް ދެން ބެލެވޭ ކެންޑިޑޭޓުންގެ ތެރޭގައި، 2014 އިން 2016 އަށް އިޓަލީއަށް އިރުޝާދުދިން އެންޓޯނިއޯ ކޮންޓޭ އާއި، ކުރީގެ މިޑްފީލްޑަރު އެންޑްރިއާ ޕިރްލޯ ހިމެނެއެވެ. މީގެ އިތުރުން 2021 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްދިން ރޮބާޓޯ މަންޗީނީ އަލުން އެނބުރި އައުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު