ENGLISH
24 ޖުލައި 2026
އެއިޓީން ތާޓީ: ވެމްކޯއިން ފުރަތަމަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފި
23 ޖުލައި 2026
|
އެއިޓީން ތާޓީގެ ތަށި ވެމްކޯގެ ކުޅުންތެރިން އުފުލާލަނީ --- ފޮޓޯ: ފޮޓޯ މާސްޓަރ
އެންމެ މަޤްބޫލު
ކްލަބް މޯލްޑިވްސްގެ އަންހެން މުބާރާތް، އެއިޓީން ތާޓީ 2026 ގެ ފައިނަލް މެޗުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ބަލިކޮށް، ކުލަބު ވެމްކޯއިން ފުރަތަމަ ފަހަރަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންޑޯސްކޮށްފައިވާ މި އަހަރުގެ އެއިޓީން ތާޓީގައި ތިން ޓީމެއް ވާދަކުރިއިރު، އެ ޓީމުތަކަކީ ވެމްކޯ އާއި، ސިފައިންގެ ކުލަބުގެ އިތުރުން ބިސް ބުރު ސްޕޯޓްސް ކުލަބެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗު ވެމްކޯއިން ކާމިޔާބުކުރީ، މި މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ސިފައިންގެ ކުލަބު އަތުން ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސިފައިންގެ ކުލަބުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަންގްލަދޭޝްގެ ސުމައްޔާ މަތުސުޝިމާއެވެ. އެކަމަކު އަނިޔާގެ ސަބަބުން މެޗުގެ ބޮޑު ބައެއް އޭނާއަށް ވަނީ ގެއްލިފައެވެ.
އެއާއެކު ވެމްކޯއިން ކުޅުން ރަނގަޅުކުރިއިރު، އާމިނަތު ފަޒްލާ ވަނީ އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޔާ ކަސިއާ ބަލްޑައްސޯ ވަނީ ވެމްކޯއަށް ލީޑު ނަގައިދީފައެވެ. މި މެޗުގެ ދެވަނަ ހާފުގައި ވެމްކޯގެ ލީޑު ފުޅާކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ފަޒްލާއެވެ.
މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ޖުމްލަ 11 ލަނޑާއެކު ސިފައިންގެ ކުލަބުގެ ސުމައްޔާއެވެ. ފެއާޕްލޭ ކުޅުންތެރިޔާގެ މަގާމު ސިފައިންގެ ކުލަބުގެ މައީޝާ އަބްދުލް ހަންނާން ހޯދިއިރު، ފެއާޕްލޭ ޓީމަކީ ބިސް ބުރެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ވެމްކޯގެ އަލީ ނަދީމެވެ. އަދި އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ސިފައިންގެ ކުލަބުގެ ސުމައްޔާ، ސަބީނާ ކަތުންގެ އިތުރުން ވެމްކޯގެ ފާތިމަތު ސައުސަން، އަޝްލޭ ލަރިއްސާ އޮލިވެއިރާ ޑަ ސިލްވާ އަދި މަރިޔަމް ނޫރާއެވެ. މީގެ ތެރެއިން ކުއީން އޮފް ދަ ޓޯނަމަންޓުގެ މަގާމު ހޯދީ އަޝްލޭއެވެ.