ENGLISH
30 އޭޕްރީލު 2026
"އަދަދު" ނޫހުން ޖިނާއީ ކުށެއް ކުރިކަމަށް އިއުތިރާފުވުމުގެ މާ ކުރިން ތަހުގީގު ފަށައިފި: ތަރުޖަމާނު
30 އޭޕްރީލު 2026
|
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި ސާބިތުނުހިފޭ ދޮގު ވާހަކަތަކެއްގެ އިލްޒާމް އެޅުވި މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް އަމުރުކުރީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންކަމަށާއި އެ މައްސަލައިގައި "އަދަދު" ނޫހުން ޖިނާއީ ކުށެއް ކުރިކަމަށް އިއުތިރާފުވުމުގެ މާ ކުރިންވެސް ތަހުގީގު ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
ތަރުޖަމާނު މިފަދައިން ވިދާޅުވީ "އެމްއެމްޓީވީ"ގެ "ބޮޑު ހަބަރު" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގެ ތެރެއިން ނެވެ.
"އަދަދު" ނޫހުން މިދިޔަ މާރިޗު މަހު ގެނައި ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫސް ހިންގާ އޮފީސް އިމާރާތް ބަލައިފާސް ކުރުމުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފަ އެވެ. އަދި ތަހުގީގަށް ބޭނުންވާ ބައެއް ސާމާނުވެސް ފުލުހުން ވަނީ ގެންގޮސްފަ އެވެ.
މި ތަހުގީގާ ގުޅޭގޮތުން ރަސްމީ ސިފައެއްގައި ފުރަތަމަ ފަހަރަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ތަރުޖަމާނު ވިދާޅުވީ ނޫސްމީޑިއާގެ ހައިސިއްޔަތުން "އަދަދު" ނޫހުން ކުރަމުން އަންނަ މަސައްކަތްތަކަކަށް މި ތަހުގީގުގެ ސަބަބުން ހުރަސް އެޅިފައި ނުވާނެކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމާއި މިހާރު ކުރިއަށްދާ ތަހުގީގާވެސް ގުޅުމެއް ނެތްކަމަށް ވިދާޅުވި އެވެ.
"ތަހުގީގަށް ފުލުހުން ދިޔަ އިރުވެސް އެބޭފުޅުން ގެންދެވީ ނޫސްވެރިކަމުގެ މަސައްކަތް ކުރައްވަމުން. އޭގެ ފަހުންވެސް ކުރައްވާ އެބަ. ނޫސްވެރިކަމުގެ މަސައްކަތް ހުއްޓުވާކަށް ނޫޅެން އަޅުގަނޑުމެން. ހަތަރު ބޭފުޅެއްގެ ޕާސްޕޯޓު ހިފެހެއްޓީ ހެކި ހޯދުމަށް އެބޭފުޅުންނާ ސުވާލު ކުރުމަށް ބޭނުންވާތީ. ދެން ހެކި ހޯދައިގެން ޕީޖީއަށް ފޮނުވޭނީ،". ތަރުޖަމާނު ވިދާޅުވި އެވެ.
މި މައްސަލަ ތަހުގީގު ކުރަން އެންގެވީ ރައީސުލްޖުމްހޫރިއްޔާ ނޫންކަމަށާއި އެ ތަހުގީގު ހިނގަނީ ޕީޖީ އޮފީހުން އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުހުންނާ މަތިކުރުމުން ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
މި ތަހުގީގު ފެށީ، މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" ނޫހުން ރައީސާ ގުޅުވައިގެން ނެރުނު ވީޑިއޯ ޑޮކިއުމަންޓްރީއާ ގުޅިގެން، "އަދަދު" ނޫހުގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ފަހުގައި ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތަކަށް ވެސް ތަރުޖަމާނު ވަނީ ރައްދު ދެއްވާފައެވެ.
"ޕީޖީ އޮފީހުން ފުލުހުންނަށް ތަހުގީގު މަތިކުރެއްވީ ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" ގެ ނޫސްވެރިން ޖިނާއީ ކުށެއް ކުރިކަމަށް އިއުތިރާފުވުމުގެ ވެސް މާ ކުރިން. ބަޔަކު މީހުން މީހުންނަށް ވިސްނާދޭން އުޅެނީ އެ ބައްދަލުވުމަށްފަހު ރައީސް ނުވަތަ ރައީސް އޮފީހުން އަންގައިގެންނޭ ތަހުގީގު ކުރަނީ. "އަދަދު"ގެ އިދާރާއަށް ވަނީ ތަހުގީގު ކުރިއަށްގެންދާތާ އެތައް ދުވަހެއް ފަހުން،". ތަރުޖަމާނު ވިދާޅުވި އެވެ.
ތަރުޖަމާނު ވިދާޅުވީ ތަހުގީގީ ބޭނުމަށް "އަދަދު"ގެ އިމާރާތަށް ފުލުހުން ވަނީ ބްރޯޑްކާސްޓިން ކޮމިޝަނުންވެސް "އަދަދު" ނޫހުގެ މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް ކަމަށެވެ.
ތަކުރާރުކޮށް ތަރުޖަމާނު ވިދާޅުވީ ތަހުގީގު ކުރިއަށްދަނީ ރައީސުލްޖުމްހޫރިއްޔާވެސް އަދި ސަރުކާރުން ވެސް އަންގަވައިގެން ނޫންކަމަށާއި އެއީ ޕީޖީން ފުލުހުންނާ މަތިކޮށްފައިވާ ތަހުގީގެއް ކަމަށެވެ.
މައްސަލައިގެ ތަހުގީގަށް ބަލާއިރު ރައީސްގެ އިސްތަށިފުޅުގައި ބޮޑެތި ތުހުމަތުތަކެއް އަޅުވައި ޤަޛުފުކުރި ވީޑިޔޯ ތައްޔާރުކުރި ކަމަށް ތުހުމަތުކުރެވޭ މީހުން އިއްޔެ ފުލުހުންގެ ހިދުމަތަށް ހާޒިރުކޮށްފައިވެއެވެ. ނަމަވެސް މަސްދަރު ހާމަކުރުމަށް އެމީހުން ވަނީ ދެކޮޅު ހަދާފަ އެވެ.
މަސްދަރު ހާމަކުރަން ދެކޮޅުހެދުމުން އެއީ "އަދަދު" ނޫހުން ސިޔާސީ ގޮތުން ކުރި، އަދި އެކަމުގެ ސަބަބުން ރައްޔިތުން ނޫސްވެެރިކަމަށް ކުރާ އިތުބާރު ގެއްލިގެންދާނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުން ނެވެ.