ENGLISH

30 އޭޕްރީލު 2026

Advertisement

އަންނަ އާދިއްތަ ދުވަހު ރައީސް ލަންކާއަށް ވަޑައިގަންނަވަނީ

30 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

2025 ވަނަ އަހަރުގެ ޖުލައި މަހު ރައީސް ޑިސަނާޔަކެ ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. ފޮޓޯ؛ ރައީސް އޮފީސް

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް އަންނަ އާދިއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. 

މިއީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސްރީލަންކާގެ އިސް މަސްއޫލުވެރީންނާ ބައްދަލުކުރައްވުމުގެ އިތުރުން ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭގޮތުން އެ ޤައުމުގެ ރައީސާއެކު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ލީޑަރުންގެ ހާޒިރުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމުގެ އެއްބަސްވުންތައް ބަދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މި ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން ކެބިނެޓުގެ ބައެއް ވަޒީރުންނާއި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެމިހުންނެވީ ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމުގައި ހިއްސާވާ މުހިންމު ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ފުރިހަމަ އަޒުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވައެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރި މުނާސަބަތާ ގުޅުވައިގެން، ފާއިތުވި އަހަރުގެ ޖުލައި މަހު ރައީސް ޑިސަނާޔަކެ ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އަދި ޒަމާންވީ އެކުވެރިކަމުގެ ގުޅުމުގެ ހެއްކެއްކަމުގައި ފާހަގަކޮށްލެވެއެވެ. 

ދިވެހިރާއްޖެއާއި ލަންކާއާ ދެމެދު ރަސްމީކޮށް ޚާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުއެވެ. އެއީ ރާއްޖެއަށް މިނިވަންކަން ލިބުނު އަހަރެވެ. 

ކިޔުންތެރިންގެ ހިޔާލު