ENGLISH

30 އޭޕްރީލު 2026

Advertisement

ރަޝިއާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައެއް ފަހަނައަޅައިފި

30 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ރަޝިއާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއްލަކައަށް އެރުން-- ފޮޓޯ: އެމްއޭސީއެލް

އަހަރުގެ މިހާތަނަށް ރަޝިޔާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ އިތުރުވެއްޖެ އެވެ.

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ އަދާހަމަ ރިޕޯޓުގައިވާގޮތުން، މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއިން ރާއްޖެ ޒިޔާރަތްކުރީ 100،450 ފަތުރުވެރިންނެވެ. މިއާއެކު އަހަރުގެ މިހާތަނަށް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި، ދެވަނަ ގައުމަކީ ރަޝިޔާ އެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ފަސް ގައުމު:

  • ޗައިނާ - 116،441 ފަތުރުވެރިން
  • ރަޝިއާ - 100،450 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 71،454 ފަތުރުވެރިން
  • އިޓަލީވިލާތް - 65،038 ފަތުރުވެރިން
  • ޖަރުމަނުވިލާތް - 52،555 ފަތުރުވެރިން

އަހަރުގެ މިހާތަނަށް ރާއްޖެއަށް 786،529 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 825،924 ފަތުރުވެރިންނާ އަޅާބަލާއިރު 4.8 އިންސައްތަ ދަށް ވުމެކެވެ.

އޭޕްރީލް މަހުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 69.6 އިންސައްތަ ނުވަތަ 536،826 ފަތުރުވެރިން ޒިޔާރަތްކުރީ ރިސޯޓްތަކަށެވެ. ގެސްޓްހައުސްތަކަށް އައީ ޖުމްލަ ފަތުރުވެރިންގެ 25.4 އިންސައްތަ އެވެ. އެއީ، 195،713 ފަތުރުވެރިންނެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ހޮޓާތަކަށް 20،858 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. އަދި، ސަފާރީ އުޅަނދުތަކަށް އައީ 17،300 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ފިޔަވައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ގަން އިންޓަރނޭޝަނަލް އެއާޕޯޓު އަދި މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް ވަނީ 766،175 ފަތުރުވެރިން އެތެރެވެފައިވެ އެވެ. އަދި ގަން އެއާޕޯޓުން ރާއްޖެއަށް އައިސްފައިވަނީ 3،245 ފަތުރުވެރިންނެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު ދަށްވީ މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެންނެވެ. އެގޮތުން ރާއްޖެއަށް ދަތުރުކުރާ ގިނަ އެއަރލައިންތަކުގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލުމާއި އަދި ފަތުރުވެރިންނަށް ރާއްޖެ އާދެވޭނެ ގޮތެއް ނެތުމުގެ ސަބަބުންނެވެ. ނަމަވެސް ހުއްޓާލި އެއަރލައިންތަކުން އަލުން ދަތުރުތައް ފައްޓަމުން ދިއުމުގެ ސަބަބުން ފަތުރުވެރިންގެ އަދަދުތައް އަންނަނީ މަޑުމަޑުން އިތުރުވަމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އެވްރެޖްކޮށް މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6600 އަށްވުރެ ގިނަ ފަތުރުވެރިން އާދެ އެވެ.

ކިޔުންތެރިންގެ ހިޔާލު