ENGLISH

10 އޭޕްރީލު 2025

Advertisement

ފީފާ "ދަ ބެސްޓް" އެވޯޑް ވިނީޝިއުސް އަށް

18 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ފީފާ ބެސްޓް މެންސް ޕްލެއާ އޮފް ދަ އިޔާ އަށް ހޮވުނު ވިނީޝިއުސް. --ފޮޓޯ: ފީފާ.ކޮމް

ފީފާ އިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާ އަށް ދޭ "ދަ ބެސްޓް" އެވޯޑް ރެއާލް މެޑްރިޑްގެ ބްރެޒިލް ވިންގް، ވިނީޝިއުސް ޖޫނިއާ އަށް ލިބިއްޖެއެވެ.

އުމުރުން 24 އަހަރުގެ ވިނީޝިއުސް އަކީ 2007 ވަނަ އަހަރުގެ ފަހުން ފީފާގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބްރެޒިލްގެ ފުރަތަމަ ކުޅުންތެރިޔާ އެވެ. އަދި، އޭނާ އަކީ "ދަ ބެސްޓް" ގެ ނަމުގައި މި އެވޯޑް ދޭން ފެށިފަހުން އެ މަގާމަށް ހޮވުނު ބްރެޒިލްގެ ފުރަތަމަ ކުޅުންތެރިޔާ ވެސް މެއެވެ.

ވިނީޝިއުސް މި އެވޯޑް ހާސިލްކުރީ، އެންމެ ގާތުން ވާދަކުރި މެންޗެސްޓާ ސިޓީގެ ސްޕެއިން މިޑްފީލްޑަރު، ރޮޑްރީ އާއި ރެއާލް އަށް އޭނާ އާއެކު ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް ފަހަތަށް ޖައްސާލުމަށްފަހު އެވެ.

ވިނީޝިއުސް އަށް އެއްވަނަ ލިބުނީ، 48 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ އަށް ދިޔަ ރޮޑްރީ އަށް 43 ޕޮއިންޓް ލިބުނުއިރު، ބެލިންހަމް އަށް ލިބުނީ 37 ޕޮއިންޓެވެ.

ނިމިދިޔަ ސީޒަނަކީ ވިނީޝިއުސްގެ ކެރިއަރުގެ މިހާތަނަށް އެންމެ ކާމިޔާބު އެއްސީޒަނެވެ. އޭނާ ވަނީ ރެއާލަށް ކުޅެދިން ގިނަ މެޗުތަކުން އެ ޓީމު މޮޅުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށް، ހުރިހާ މުބާރާތްތަކެއް ހިމެނޭ ގޮތަށް މުޅިއެކު 39 މެޗުގައި 24 ލަނޑުޖަހާފައެވެ.

އަދި، އޭނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލަނޑެއް ޖަހައި، ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ވާދަވެރި ބާސެލޯނާ ކޮޅަށް ހެޓްރިކް ހަދާފައެވެ.

މީގެއިތުރުން، ވިނީޝިއުސް ވަނީ ރެއާލުން ނިމިދިޔަ ސީޒަނުގެ ސްޕެނިޝް ލީގާއި، ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު ވެސް މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވެސް ވިނީޝިއުސް އެވެ.

ކިޔުންތެރިންގެ ހިޔާލު