ENGLISH

29 އޭޕްރީލު 2026

Advertisement

ހިތަދޫ އުތުރު ބައި އިލެކްޝަން: ކޮންގްރެސްގެ ޓިކެޓް ސަޢީދަށް

29 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ސައީދު އަދި ސިނާން --

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރަން ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ޓިކެޓް ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދަށް ދޭން ނިންމައިފި އެވެ.

ކޮންގްރެސް ޕާޓީން މި ނިންމުން ނިންމީ އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާން އިންތިޚާބުގައި ވާދަނުކުރަން ނިންމުމުންނެވެ. އެ ދާއިރާގެ ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ ވެސް ސިނާންގެ ގޮނޑި ގެއްލުމުންނެވެ. އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ ސާބިތު ދަރަންޏެއް އޮތުމުންނެވެ.

ބައި އިލެކްޝަންސްގައި ވާދަކުރާނެ ކޮންގްރެސްގެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕްރައިމަރީ ބޭއްވި އެވެ. ޕްރައިމަރީ ކާމިޔާބުކުރީ ވެސް ސިނާން އެވެ.

ނަމަވެސް ސިނާން މިއަދު ވަނީ ކޮންގްރެސް ޕާޓީއަށް ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްދެއްވުމަށް ކަމަށް ވިދާޅުވެ އެ ގޮނޑިއަށް ވާދަނުކުރައްވަން ނިންމަވާފަ އެވެ. 

ކޮންގްރެސް ޕާޓީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި އެ ޕާޓީގެ ނާއިބު ރައީސް އަދި ދަނޑުވެރިކަމާއި މަސްވެރިކަމާއި ބެހޭ ވަަޒީރު އަހްމަދު ޝިޔާމް ވިދާޅުވީ ޕްރައިމަރީއެއް ދެން ބާއްވާނެ އިތުރު ވަގުތު ނެތުމުން ކޮންގްރެސްގެ ޓިކެޓް ސައީދަށް ދޭން ނިންމާފައިވާ ކަމަށެވެ.

ސިނާން ފަހަތަށް ޖެހިވަޑައިގަތަސް ފުރިހަމަ ތާއީދު އޮންނާނެ

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސިނާން ވިދާޅުވީ ޕާޓީގެ ޕްރައިމަރީ އިންސާފުވެރިކަމާއެކު އޮމާންކަންމަތީ ނިމިގެންގޮސް އޭނާއަށް ލިބުނު ކާމިޔާބަށް ޕާޓީގެ ރައީސާއި ލީޑަރޝިޕުން ވިދާޅުވި މަރުޙަބާއަށް ޝުކުރުދަންނަވާ ކަމަށެވެ.

ނަމަވެސް މިދިޔަ ތިން ދުވަހު ދާއިރާގެ ރައްޔިތުންނާއެކު ގާތުން ކުރެވުނު މަޝްވަރާތަކާއެކު މިފަހަރު މިގޮނޑި ޕާޓީއަށް ކާމިޔާބުވާން އެންމެ ފަހި ވާނީ އޭނާ ފަހަތަށްޖެހި އެހެން އައު ބޭފުޅަކަށް ފުރުޞަތު ދީގެން ކަމަށް ފެންނާތީ އެގޮތަށް ނިންމާކަމަށް ވިދާޅުވި އެވެ. 

ސިނާން ވަނީ މިގޮތައް ނިންމި ނަމަވެސް މިގޮނޑި ކާމިޔާބު ކުރުމަށްޓަކައި ޕާޓީން ނުކުންނަ ކެނޑިޑޭޓެއް އިންތިޚާބު ކޮށްދިނުމަށް އޭނާގެ ފުރިހަމަ ބައިވެރިވުމާއި، ފުރިހަމަ ދައުރު އެންމެ ފުޅާކޮށް އޮންނާނެ ކަމުގެ ޔަޤީންކަންވެ ދާއިރާގެ މެމްބަރުންނަށް އަރުވާފަ އެވެ.

މި ނިންމުން މިހާރު ޕާޓީގެ ރައީސާއި ލީޑަރޝިޕަށް އަންގަވާފައިވާނެ ކަމަށާއި އެ ނިންމުން ޕާޓީގެ ރައީސާއި ލީޑަރޝިޕުން ބަލައިގެންފައިވާ ކަމަށްވެސް ސިނާން ވިދާޅުވި އެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު އެވެ. ބައި އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު