ENGLISH
29 އޭޕްރީލު 2026
ތަމްރީނުވުމަށްފަހު ޚިދުމަތާ ގުޅޭ ނަރުހުންގެ އަދަދު މަދުވުމުގެ ކަންބޮޑުވުން
29 އޭޕްރީލު 2026
|
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް. ފޮޓޯ؛ޖަވިޔަނި
އެންމެ މަޤްބޫލު
ތަމްރީނުވާ ނަރުހުންގެ އަދަދާ އަޅާބަލާއިރު ޚިދުމަތާއި ގުޅޭ ނަރުހުންގެ އަދަދު މަދުވުމަކީ ކަންބޮޑުވުމެއްކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެ އެވެ.
ސީއީއޯ މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ދަރިވަރުން ދަސްވެނިވުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ސީއީއޯ ވިދާޅުވީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޚިދުމަތް ފުޅާކުރަމުންދާއިރު، ދިވެހި ނަރުހުން ހޯދަން ހުޅުވާލުމުން އެކަށީވެންވާ ވަރަށް ނަރުހުން ނުލިބުމުން ރާއްޖެއިން ބޭރުން 75 ނަރުހުން ރެކްރޫޓް ކުރަން ޖެހުނު ކަމަށެވެ.
މިއީ އެއްވެސް ހާލަތެއްގައި ބޭނުންވާކަމެއް ނޫންކަމަށް ވިދާޅުވި އެވެ.
ނަރުހުންގެ ޚިދުމަތަކީ ޞިއްޙީ ޚިދުމަތުގެ އެންމެ މުހިންމު އެއް ތަނބުކަން ފާހަގަކުރައްވައި ސީއީއޯ ވިދާޅުވީ، ނަރުހުންގެ ޚިދުމަތުގެ އަގުވަޒަންކޮށް އިތުރަށް ހަރުދަނާކުރަން ޖެހޭކަމަށާއި ނަރުސްކަމަކީ އިންސާނިއްޔަށްތައްޓަކައި ކުރެވޭ މަތިވެރި މަސައްކަތަކަށްވާއިރު، އެއީ އިންސާނުންގެ ފުރާނަޔާއި ގުޅިފައިވާ ޚިދުމަތެއް ކަމަށެވެ. އަދި ސީއީއޯ ވިދާޅުވީ، ނަރުސްކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުން މާދަމާ ޚިދުމަތަށް ނިކުންނައިރު މުހިންމުވާ ކަމަށެވެ.
ދެން ސީއީއޯ ފާހަގަކުރެއްވީ، ފުރަތަމަ ޑިގްރީއަށްފަހު ވަކި ޚާއްސަ ދާއިރާތަކުން ތަމްރީނުވެ ސްޕެޝަލައިޒްވާ ނަރުހުން ނިސްބަތުން މަދުވުމުގެ ކަންބޮޑުވުމެވެ.
ނަރުސްކަން ކިޔަވައިގެން ޚިދުމަތާ ގުޅޭ ނަރުހުންގެ އަދަދު މަދުކަން ސީއީއޯ ފާހަގަކުރެއްވިއިރު، އެމްއެންޔޫއިން މި އަހަރު ދަސްވެނިވި ދަރިވަރުންގެ ތެރެއިން އެންމެ ގިނަ ދަރިވަރުންނަކީ އެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ނާސިންއިން ދަސްވެނިވި ދަރިވަރުން ނެވެ.