ENGLISH
29 އޭޕްރީލު 2026
އަދަދު ނޫހުން ކުރަމުންދަނީ ސިޔާސީ މަސައްކަތެއް: ޝިޔާމު
29 އޭޕްރީލު 2026
|
މަސްވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
އަދަދު ނޫހުން ކުރަމުންދަނީ ސިޔާސީ މަސައްކަތެއްކަަމަށް ޕީއެންސީގެ ނައިބުރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
މިއަދު ޕީއެންސީގެ ލީޑާޝިޕުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެެއްވަމުން ޝިޔާމު ވިދާޅުވީ ފާއިތުވި ލޯކަލް ކައުންސިލުތަކުގެ އިންތިހާބާ ޖެހެންދެން އިދިކޮޅު އެމްޑީޕީ ނެތް ކަމަށެވެ. އަދި އެ ޕާޓީގެ ދައުރު އަދާކުރަމުންއައީ އަދަދު ނޫހުންކަން ފާހަގަކުރައްވަމުން ޝިޔާމު ވިދާޅުވީ އެ ނޫހުގެ ވެރިންވެސް ފަހުރުވެރިކަމާއެކު އެކަން ގަބޫލުކުރައްވައި ވާހަކަދައްކަވަމުންދިޔަ ކަމަށެވެ.
"އަދަދު ނޫސް މިއަދު އެކުރަމުންދާ މަސައްކަތަކީ ސިޔާސީ މަސައްކަތެއް. ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ސިޔާސީ ގޮތުން އަޅުވައިގެން އުޅޭ ތުހުމަތުތަކެއް އެއީ. ރައީސުލްޖުމްހޫރިއްޔާ ނުފިއްލަވާނެ، އަޅުގަނޑުމެންނެއް ނުފިލާނެ،" ޝިޔާމު ވިދާޅުވިއެވެ.
ޝިޔާމު އިތުރަށް ވިދާޅުވީ ރައީސްގެ އިސްތަށިފުޅުގައި ބޮޑެތި ތުހުމަތުތަކެއް އަޅުވައި ޤަޛުފުކުރި ވީޑިޔޯ ތައްޔާރުކުރި ކަމަށް ތުހުމަތުކުރެވޭ މީހުން މިއަދު ފުލުހުންގެ ހިދުމަތަށް ހާޒިރުކުރުމުން ތިބީ ހަނުކަމަށެވެ. އަދި އެމީހުން ކުރި ތުހުމަތުތަކުގެ މަސްދަރު ހާމަކުރުމަށް ދެކޮޅުހެދި ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ތަހުޒީބު ޑިމޮކްރެޓިކް މުޖުތަމައުތަކުގައި މިފަދަ ބޮޑެތި ތުހުމަތުތައް ކުރާއިރު، މަސްދަރު ހާމަކުރާ ކަމަށެވެ. ހުރިހާ ރައްޔިތުންނަށް ފެންނަ ގޮތަށް، މުޖުތަމައުގެ ތެރޭގައި މަސްލަހަތު ގެއްލޭ ގޮތަށް ފަތުރާ ހަބަރުތަކާ ގުޅިގެން މަސްދަރު ހާމަކުރުމަކީ އެންމެ އަސާސީ ކަމެއް ކަމުގައި ޝިޔާމު ވިދާޅުވިއެވެ.
އަދި މަސްދަރު ހާމަކުރަން ދެކޮޅުހެދުމުން އެއީ އަދަދު ނޫހުން ސިޔާސީ ގޮތުން ކުރި، އަދި އެކަމުގެ ސަބަބުން ރައްޔިތުން ނޫސްވެެރިކަމަށް ކުރާ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.