ENGLISH
29 އޭޕްރީލު 2026
ރައީސް މުއިއްޒަކީ ހިތްވަރާއެކު ރައްޔިތުން ކުރިމަތީ މައުސޫމުކަން ސާބިތުކޮށްދެއްވާ ލީޑަރެއް: ޝުޖާ
29 އޭޕްރީލު 2026
|
ޕީއެންސީގެ ނައިބުރައީސް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އިބްރާހީމް ޝުޖާ
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަކީ ހިތްވަރާއި ސާބިތުކަމާއެކު ރައްޔިތުންގެ ކުރިމަތީގައި އެމަނިކުފާނުގެ މައުސޫމުކަން ސާބިތުކޮށްދެއްވާ ލީޑަރެއްކަމުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނައިބުރައީސް އަދި ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ.މުޢިއްޒުގެ އިސްތަަށިފުޅުގައި ބޮޑެތި ތުހުމަތުތަކެއް އަޅުވައި، އެމަނިކުފާނާމެދު ޤަޛުފުގެ އަމަލު ހިންގައި ވީޑިޔޯއެއް ތައްޔާރުކޮށް "އަދަދު" ނޫހުން އާއްމުކުރި މައްސަލައާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝުޖާ ވިދާޅުވީ ރައީސް ޑރ.މުޢިއްޒަކީ އެމަނިކުފާނަށް ތުހުމަތުކުރާ ފަދަ އަމަލެއް ކުރައްވާނެ ބޭފުޅެއް ނޫންކަން ދިވެހި ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.
އިތުރަށް ޝުޖާ ފާހަގަކުރެއްވީ ރައީސް ޑރ.މުއިއްޒަށް މިފަދަ ހަމަލާތައް އަބަދުވެސް އަމާޒުވަމުންދާ ކަމެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އެމްްޑީޕީގެ ވެރިކަމުގައި އެމަނިކުފާނުގެ އިސްތަށިފުޅުގައި އެތައް ދޮގު ތުހުމަތުތަކެއް އަޅުވައި ކޯޓަށް ދަމައި ޖިނާއީ ދައުވާވެސްކުރިކަމަށް ޝުޖާ ވިދާޅުވިއެވެ.
"އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް މިކަހަލަ ކަންކަން އާދޭ. އެނގިވަޑައިގަންނަވާނެ އެންމެ ފުރަތަމަ އެމަނިކުފާނަށް ހަމަލާތައް އަންނަން ފަށައިފި އެމަނިކުފާނު މޭޔަރުކަމުގައި ހުންނެވިއިރު. ކޯޓަށް ދަމައި މަޖިލީހުގެ ކޮމިޓީތަކަށް ގެންގޮސް ތުހުމަތުތައްކޮށް އެތުހުމަތުތަކުގެ މައްޗަށް ބިނާކޮށް ދައުވާވެސް އުފުލި. އެހެންނަމަވެސް އެހުރިހާ ކަމަކުން އެމަނިކުފާނު ސަލާމަތްވެވަޑައިގެންނެވި،" ޝުޖާ ވިދާޅުވިއެވެ.
އިތުރަށް ޝުޖާ ވިދާޅުވީ ރިޔާސީ އިންތިހާބު ކުޑަތަންވެފައިވަނިކޮށް، އެމަނިކުފާނުގެ ދޮންމަންމާފުޅާ ގުޅުވައިގެން ޑޮކިއުމެންޓްރީއެއް ތައްޔާރުކޮށް އަދަދު ނޫހުން ނެެރުނު ކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒަށް ދެމުންދާ ހަމަލާތަކަކީ އައު ކަމެއް ނޫންކަމަށްވެސް ޝުޖާ ވިދާޅުވިއެވެ.
މިފަދަ ނުރަނގަޅު ކަންކަން މުޖުތަމައުގައި އާއްމުވުމަކީ ނުރައްކާތެރިކަމެއްކަން ފާހަގަކުރައްވަމުން ޝުޖާ ވިދާޅުވީ އެފަދަ ވާހަކަތައް ފެތުރުމަކީ އެއްވެސް އިރެއްގައި ޕީއެންސީން ހިތްވަރުދޭ ކަންކަން ނޫން ކަމަށެވެ. އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީއެންސީ އޮތްއިރުވެސް އެފަދަ ނުރަނގަޅު ކަންކަމަށް އެ ޕާޓީން ބާރުއަޅައި މަގުފަހިކޮށްފައިނުވާނެ ކަމުގައި ޝުޖާ ވިދާޅުވިއެވެ.