ENGLISH
29 އޭޕްރީލު 2026
ޙައްޖާޖީންގެ ފޮށްޓާއި، ޙައްޖު ކިޓް މިއަދު ދޫކުރަން ފަށައިފި
29 އޭޕްރީލު 2026
|
ޙައްޖާޖީންގެ ފޮށްޓާއި، ޙައްޖު ކިޓް ދޫކުރަނީ-- ފޮޓޯ: ޙައްޖު ކޯޕަރޭޝަން
އެންމެ މަޤްބޫލު
މި އަހަރު ރާއްޖެއިން ޙައްޖަށް ދާ މީހުންނަށް ބޭނުންވާ ފޮށްޓާއި ޙައްޖު ކިޓް ޙައްޖު ކޯޕަރޭޝަނުން ދޫކުރަން ފަށައިފި އެވެ.
މިކިޓު ދޫކުރަނީ، އިސްލާމީ މަރުކަޒުގެ ހޯލުގަ އެވެ. ޙައްޖު ކިޓުގައި ހިމެނެނީ ލަޖެގު ފޮށި، ހޭންޑް ލަގެޖް، ފައިވާންލާ ދަބަސް، އުނަގަނޑުގައި އަޅުވާ ދަބަސް، ރީތިވާ ސާމާނު އަޅާ ދަބަސް، ފިރިހެނުންގެ އިޚްރާމް ހެދުމުގެ އިތުރުން ދުޢާ ކާޑާއި ޙައްޖާ ގުޅޭ މަޢުލޫމާތު ފޮތެވެ.
ޙައްޖު ކިޓުގައި ހިމެނޭ ހޭންޑް ލަގެޖު ދަބަހަކީ، ޙައްޖުގެ މަޝާއިރަށް ދަތުރު ކުރާ ފަސް ދުވަހަށް ތަކެތި އަޅައިގެން ގެންދިއުމަށް ޚާއްސަކޮށްފައިވާ ދަބަހެވެ.
ޙައްޖާޖީންގެ ފޮށްޓާއި، ޙައްޖު ކިޓް ދޫކުރަނީ-- ފޮޓޯ: ޙައްޖު ކޯޕަރޭޝަން
މަޢުލޫމާތު ފޮތުގެ ބޭނުމަކީ، ހައްޖާޖީންނަށް ހައްޖުގެ އަޅުކަން އަދާކުރާނެ ގޮތުގެ މައުލޫމާތު ފަސޭހައިން ދެނެގަނެ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަސޭހަކޮށްދިނުމެވެ. ހައްޖާޖީންނަށް ހާއްސަކޮށް ފޯރުކޮށްދީފައިވާ ދުޢާ ކާޑު ފޮތަކީވެސް ދަތުރުކުރާއިރު ގެންގުޅެން ފަސޭހަ، ސައިޒުން ކުޑަ ފޮތެކެވެ. މި ފޮތް ފަރުމާކޮށްފައިވަނީ ފެން ޖެހުނަސް ހަލާކު ނުވާ ގޮތަށެވެ.
މި ކިޓުގައި ހިމެނޭ އެންމެހާ ތަކެއްޗަކީ، އެއް ތީމަކުން ތައްޔާރުކޮށްފައިވާ އަދި ދަތުރަށް އެންމެ އެކަށިގެންވާ ގޮތަކަށް ފަރުމާކޮށްފައިވާ ކިޓެކެވެ. އަދި ކޮންމެ ފޮއްޓެއްގައި ލޯގޯއާއި ޙާޖީންގެ މަޢުލޫމާތުވެސް ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ. ފޮށީގައި ހަރުކުރާ މަޢުލޫމާތު ކާޑާއި، ކަރުގައި އަޅުވާ ކާޑު ޙަވާލުކުރުމަށް ހަމަޖެހިފައިވަނީ ބައްދަލުވުންތަކުގަ އެވެ.
ޙައްޖާޖީންގެ ފޮށްޓާއި، ޙައްޖު ކިޓް ދޫކުރަނީ-- ފޮޓޯ: ޙައްޖު ކޯޕަރޭޝަން
ރާއްޖެއަށް ޙައްޖަށް ދާ މީހުންގެ ފުރަތަމަ ފްލައިޓް ފުރުމަށް ހަމަޖެހިފަވަނީ، އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ. ދެން ހުރި ފްލައިޓްތައް ފުރުމަށް ހަމަޖެހިފައިވަނީ 17، 18 އަދި 19 ވަނަ ދުވަހެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ރާއްޖެއިން ދާ ޙައްޖާޖީންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިނާގެ ޓެންޓުތަކުގެ އިންތިޒާމުތައް މިހާރަށްވުރެ ފުރިހަމަކޮށް، ޙައްޖާޖީންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް އެންމެ މަތީ ފަންތީގައި ފޯރުކޮށްދިނުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ކޮންމެ އަހަރަކުވެސް ލިބެނީ 1000 ކޯޓާ އެވެ. ޙައްޖާޖީންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ދާ ފަރާތްތައްވެސް ދަތުރުކުރަނީ މި ކޯޓާގަ އެވެ.