ENGLISH

29 އޭޕްރީލު 2026

Advertisement

ދުނިޔޭގެ އެންމެ ބޮޑު ޕަޒްލް، ހަތަރު އަހަރުން ކާފައަކު ނިންމައިފި

29 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ދުނިޔޭގެ އެންމެ ބޮޑު ޕަޒްލް އެތުރުން-- ފޮޓޯ: ޕީޕަލް.ކޮމް

އެމެރިކާގެ ކޮލޮރާޑޯއަށް ނިސްބަތްވާ އުމުރުން ދުވަސްވީ މީހަކު، 60،000 ފޮތި ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު ކޮމާޝަލް ޖިގްސޯ ޕަޒްލް, ހަތަރު އަހަރު ދުވަހުގެ މަސައްކަތުން ފުރިހަމަކޮށްފި އެވެ.

ކޮލޮރާޑޯ ސްޕްރިންގްސްގެ ރަށްވެއްސެއް ކަމަށްވާ ލޫ ސަލާސް މި ބޮޑު ޕަޒްލް ފުރިހަމަކުރުމަށްޓަކައި 800 އަށްވުރެ ގިނަ ގަޑިއިރު ހޭދަކޮށްފައިވެ އެވެ. "ވަޓް އެ ވޮންޑަފުލް ވޯލްޑް" ގެ ނަމުން ނަންދެވިފައިވާ މި ޕަޒްލް ފަރުމާކޮށްފައިވަނީ ދުނިޔޭގެ ޗާޓެއް ފެންނާނެ ގޮތަށެވެ. މި ޕަޒްލް ބަހާލެވިފައިވަނީ ކޮންމެ ފޮއްޓެއްގައި 1،000 ފޮތި ހިމެނޭ ގޮތަށް ޖުމްލަ 60 ފޮއްޓަށެވެ.

ސަލާސް ބުނީ، މިފަދަ ބޮޑު ޕަޒްލްއެއް ހެދުމުގެ ކުރިން ބަހައްޓާނެ ތަނެއް ހެދުމަށްވެސް އޭނާ ދެ އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ ކަމަށެވެ. މި މަސައްކަތުގައި އޭނާގެ 8 އަށް އަހަރުގެ ކާފަ ދަރިފުޅުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ޕަޒްލް އެތުރުން-- ފޮޓޯ: ޕީޕަލް.ކޮމް

މި މަސައްކަތް ނިންމުމާ ގާތްވެފައި ވަނިކޮށް، 17 ވަނަ ބައިން އެއް ފޮތި މަދުވުމުގެ ސަބަބުން ބޮޑު ހާސްކަމަކާ ކުރިމަތިވިކަމަށް ސަލާސް ބުންޏެވެ. އިތުރަށް އޭނާ ބުނިގޮތުގައި އެ ފޮތި ނުފެނިގެން އޭނާއަށް ނިދަންވެސް އުނދަގޫވި އެވެ. ނަމަވެސް، ޕަޒްލް އުފެއްދި ކުންފުނިން އެންމެ ފަހު ފޮތި އޭނާއަށް ފޮނުވައިދިނުމުން، މި ބޮޑު މަޝްރޫއު ނިންމާލުމުގެ ފުރުސަތު އޭނާއަށް ލިބިގެންދިޔަ ކަމަށެވެ.

ޕަޒްލްގެ ހުރިހާ ބައިތަކެއް އެކުލަވައިލުމަށްޓަކައި ސަލާސްގެ ރަށްޓެހިންނާއި، އާއިލާގެ އެހީގައި އޭނާގެ ގަރާޖުގައި 8 ފޫޓު ފުޅާ، 29.5 ފޫޓު ދިގު ޚާއްޞަ މޭޒެއް ތައްޔާރުކުރި އެވެ. ޕަޒްލްގެ ބައިތައް މޭޒުގެ މެދުގައި އަތުރާލުމަށްޓަކައި، ސީލިންގުގައި ވާގަނޑެއް އައްސައިގެން އެލިގެން އޮވެ އޭނާ މަސައްކަތް ކުރި އެވެ. މިގޮތަށް 9 ގަޑިއިރު ހޭދަކޮށްގެން ހުރިހާ ބައިތަކެއް ގުޅުވާލުމުން، އޭނާގެ ތިން ކާރު ބޭއްވޭ ވަރުގެ ބޮޑު ގަރާޖު އެއްކޮށް ޕަޒްލްއިން ފުރިގެން ދިޔަ އެވެ.

މިއީ އެތައް ހާސް ޑޮލަރެއްގެ އަގުހުރި ޕަޒްލްއެކެވެ. އެހެންނަމަވެސް ސަލާސް ބޭނުންވަނީ މި ޕަޒްލް އެހެން މީހަކަށް ހިލޭ ދޭށެވެ. އޭނާގެ ހަމައެކަނި ޝަރުތަކީ އެ ލިބޭ މީހަކުވެސް ޕަޒްލް ޖަހައި ނިމުމުން، އެހެން މީހަކަށް އެ ހަދިޔާކުރުމެވެ. ސަލާސް ބުނީ މި މަސައްކަތުން އޭނާއަށް ލިބުނު އުފާވެރިކަމަކީ އަގަކުން މިންކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.

އެއްޗެއްގެ ކިތަންމެ އަގު ބޮޑުވި ނަމަވެސް އެ އެއްޗަކީ މާ އަގުހުރި އެއްޗެއް ކަމުގެ އިހުސާސް ނުވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް ތިމާގެ އަމިއްލަ ވަގުތާއި މަސައްކަތުން އެ އެއްޗަކަށް ހޭދަކުރުމުން ތިމާއަށް އެ އެއްޗެއްގެ މުހިއްމުކަން އިހުސާސް ކުރެވިގެން ދެއެވެ.

މީހަކު ކަމަކަށް ޝައުވެރިވެ، ކަމެއް ކުރުމަށް އަޒުމު ކަނޑައަޅައިފިނަމަ، އެކަމަކީ ކިތަންމެ އުނދަގޫ ކަމަކަށް ވިޔަސް އެކަން ފުރިހަމަކީ އެމީހަކަށް މާ އުނދަގޫ ކަމަކަށް ނުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު