ENGLISH
29 އޭޕްރީލު 2026
ނޯތު ރީޖަން ޒޯން އެކެއްގެ ޗެމްޕިއަންކަން ހދ. ހަނިމާދޫ އަށް
29 އޭޕްރީލު 2026
|
ހއ. ދިއްދޫއާއި ހދ. ހަނިމާދޫ ބައްދަލުކުރި މެޗުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު. ފޮޓޯ: ދިއްދޫ ސްޕޯޓްސް
އެންމެ މަޤްބޫލު
އެފްއޭއެމް ރީޖަނަލް ލީގުގެ ކޮލިފިކޭޝަންގައި ނޯތު ރީޖަންގެ ޒޯން އެކެއްގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ހއ. ދިއްދޫ ބަލިކޮށް، ހދ. ހަނިމާދޫން ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއީ މި ފަހަރުގެ މުބާރާތުގައި މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުމެވެ. މި ދެ ޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ދިއްދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 3-3 އިން އެއްވަރުވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓްއަކަށްފަހު އެވެ. ޕެނަލްޓީގައި ހަނިމާދޫ ކުރިހޯދީ 5-3 އިންނެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ހަނިމާދޫ އިން ފޮނުވާލި ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. ދިއްދޫ އިން ފޮނުވާލި ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބުކުރިއެވެ. ނަމަވެސް، އެ ޓީމުން ފޮނުވާލި ހަތަރުވަނަ ޕެނަލްޓީ ހަނިމާދޫގެ ކީޕަރު މަތަކުރިއެވެ.
ފައިނަލް މެޗަށްފަހު ޝަރަފުވެރި މެހެމާން ދިއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަބްދުލް ލަތީފް މުޙައްމަދު ވަނީ ޗެމްޕިއަން ޓީމަށް ޓްރޮފީއާއި މެޑަލް ހަވާލުކޮށްދެއްވައިފައެވެ. މި ރަސްމިއްޔާތުގައި ރަނަރަޕް ޓީމަށް މެޑަލް ހަވާލުކޮށްދެއްވީ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު، އަލީ ސުޒޭން އެވެ.
މިހާތަނަށް ކުޅުނު މެޗުތަކަށްފަހު ނޯތު ރީޖަންގެ ލީގަށް ކޮލިފައިވީ ޓީމުތައް ވަނީ ކަށަވަރުވެފައެވެ. އެގޮތުން، މި ބުރުގައި ވާދަކުރާނީ ނޯތު ރީޖަންގެ ޒޯން އެކެއްގެ ޗެމްޕިއަން، ހަނިމާދޫއާއި ރަނަރަޕް މަގާމު ހޯދި ދިއްދޫގެ އިތުރުން މި ރީޖަންގެ ޒޯން ދޭއްގެ ޗެމްޕިއަން، ނ. މަނަދޫ އާއި ރަނަރަޕް ބ. އޭދަފުއްޓެވެ.