ENGLISH

29 އޭޕްރީލު 2026

Advertisement

ޕާޓީއަށް ގޮނޑި ކާމިޔާބު ކޮށްދެއްވުމަށް ސިނާނު ފަހަތަށް ޖެހިވަޑައިގެން ޓިކެޓު ދޫކޮށްލައްވައިފި

29 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ކުރީގެ މެންބަރު މުޙައްމަދު ސިނާން

ކޮންގްރެސް ޕާޓީއަށް ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްދެއްވުމަށް ކަމަށް ވިދާޅުވެ އެ ގޮނޑިއަށް ވާދަނުކުރައްވަން އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާން ނިންމަވައިފި އެވެ.

ސިނާން މިގޮތަށް ނިންމެވި އިރު ކޮންގްރެސްގެ ޓިކެޓުގައި އެދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބުކޮށް، ޕާޓީގެ ޓިކެޓްވެސް އޭނާ ވަނީ ކާމިޔާބުކުރައްވާފަ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސިނާން ވިދާޅުވީ ޕާޓީގެ ޕްރައިމަރީ އިންސާފުވެރިކަމާއެކު އޮމާންކަންމަތީ ނިމިގެންގޮސް އޭނާއަށް ލިބުނު ކާމިޔާބަށް ޕާޓީގެ ރައީސާއި ލީޑަރޝިޕުން ވިދާޅުވި މަރުޙަބާއަށް ޝުކުރުދަންނަވާކަމަށެވެ.

ނަމަވެސް މިދިޔަ ތިން ދުވަހު ދާއިރާގެ ރައްޔިތުންނާއެކު ގާތުން ކުރެވުނު މަޝްވަރާތަކާއެކު މިފަހަރު މިގޮނޑި ޕާޓީއަށް ކާމިޔާބުވާން އެންމެ ފަހި ވާނީ އޭނާ ފަހަތަށްޖެހި އެހެން އައު ބޭފުޅަކަށް ފުރުޞަތު ދީގެން ކަމަށް ފެންނާތީ އެގޮތަށް ނިންމާކަމަށް ވިދާޅުވި އެވެ. 

ސިނާން ވަނީ މިގޮތައް ނިންމި ނަމަވެސް މިގޮނޑި ކާމިޔާބު ކުރުމަށްޓަކައި ޕާޓީން ނުކުންނަ ކެނޑިޑޭޓެއް އިންތިޚާބު ކޮށްދިނުމަށް އޭނާގެ ފުރިހަމަ ބައިވެރިވުމާއި، ފުރިހަމަ ދައުރު އެންމެ ފުޅާކޮށް އޮންނާނެ ކަމުގެ ޔަޤީންކަންވެ ދާއިރާގެ މެމްބަރުންނަށް އަރުވާފަ އެވެ.

މި ނިންމުން މިހާރު ޕާޓީގެ ރައީސާއި ލީޑަރޝިޕަށް އަންގަވާފައިވާނެ ކަމަށާއި އެ ނިންމުން ޕާޓީގެ ރައީސާއި ލީޑަރޝިޕުން ބަލައިގެންފައިވާ ކަމަށްވެސް ސިނާން ވިދާޅުވި އެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ސިނާނާ ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދު އެވެ. ޕްރައިމަރީގެ ނަތީޖާ ދައްކާގޮތުން ސިނާނަށް ލިބިވަޑައިގެންނެވީ 226 ވޯޓެވެ. ކައުންސިލަރު އަހްމަދު ސައީދަށް ލިބިވަޑައިގަތީ 187 ވޯޓެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު އެވެ. ބައި އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު