ENGLISH
29 އޭޕްރީލު 2026
ބުލީކުރުން ހުއްޓުވޭނީ ދޮގު ފެތުރުން ހުއްޓުވައި، ކުދިންނަށް ނަމޫނާ ދައްކައިގެން: ތައުލީމީ ވަޒީރު
29 އޭޕްރީލު 2026
|
ތައުލީމާއި މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު
އެންމެ މަޤްބޫލު
ބުލީކުރުން ހުއްޓުވޭނީ ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި ބޮޑެތިވަމުން އަންނަ ކުދިންނަށް ނަމޫނާ ދައްކައިގެންކަމަށް ތައުލީމާއި މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ސްކޫލްތަކުގައި ބުލީ ކުރާވާހަކަ އާއި ގުޅިގެން އާއްމު ރައްޔިތަކާއެކު ހިއްސާކުރެވުނު މައުލޫމާތުތައް ވަޒީރު ވަނީ މިއަދު "އެކްސް" ޕްލެޓްފޯމުގައި ހިއްސާކުރައްވާފަ އެވެ.
ވަޒީރު ވިދާޅުވީ ކުދިންނަކީ ވަށައިގެންވާ މާހައުލު ނަކަލުކުރާ ބަޔަކަށްވީހިނދު ކުލުނާއި އޯގާތެރިކަމެއް ނެތް މާހައުލެއްގައި ބޮޑުވާ ކުއްޖަކަށް ފެނިގެންދާ ނޭދެވޭ މަންޒަރުތައް ނަކަލުކޮށް އެފަދަ ފުރައްސާރަ ސްކޫލުގެ މާހައުލުގައި ތަކުރާރުވާކަމަށެވެ.
ސޯޝަލް މީޑިއާގައާއި އާންމު އެއްވުންތަކުގައި މީހުންގެ އަބުރަށް އަރައިގަތުމަކީ އަހަރެމެންގެ ތެރޭގައި "މުނިފޫހިފިލުވުން" ކަމުގައި ވެއްޖެ ކަމަށް ވިދާޅުވި އެވެ.
"އިވޭ ކޮންމެ އަޑަކީ، އަދި ފަތުރާލާ ކޮންމެ ވާހަކައަކީ ހަގީގަތެއް ނޫނެވެ. ނަމަވެސް، ކަންކަމުގެ އަސްލު ބެލުމެއް ނެތި، އަނެކާގެ ހިތަށް ލިބޭނެ އަނިޔާއަށް ވިސްނުމެއް ނެތް މުޖުތަމައަކުން ނުކުންނާނީ ނަފްސާނީ ގޮތުން ބަލިކަށި ޖީލެކެވެ. މިއީ ދިވެހި ކޮންމެ ފަރުދަކު މިކަމާމެދު ފުންކޮށް ވިސްނާ، އިސްލާހީ ފިޔަވަޅު އަޅަންޖެހިފައިވާ ކަމެކެވެ،". ވަޒީރު ވިދާޅުވި އެވެ.
ހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި މުދައްރިސުން ނުހަނު ބުރަ މަސައްކަތް ކުރައްވާކަމަށް ވިދާޅުވެ މުޖުތަމައާއި ގޭތެރެއިން ކުދިންނަށް ފެންނަ ނޭދެވޭ އާދަތައް އިސްލާހުކުރުމަށް މުދައްރިސުން ބުރަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށް ވިދާޅުވި އެވެ.
ސްކޫލްތަކުގައި ދެވޭ ތަރުބިއްޔަތުގެ ޕްރޮގްރާމް ގިނަކޮށް ހަރުދަނާ ކުރަންޖެހޭކަން ހާމަކުރައްވަމުން މިއަހަރު ކުރިއަށް ގެންދާ "ބިންގާ" ޕްރޮގްރާމަކީ މިފަދަ މަސައްކަތެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވި އެވެ.
މުސްލިމުން ކަމަށް ވީ އިރު ދީނީ ގޮތުން ވެސް މީހުންނަށް ފުރައްސާރަކިރުމަކީ ކިހާވަރެއްގެ ކަމެއްކަން ކުއްޖާއަށް ބުނެދެންޖެހޭކަމަށާއި ބުލީކުރުން ހުއްޓުވޭނީ ގޭތެރެއާއި މުޖުތަމައުގެ މަސްރަހު އުފާވެރި، ހިތްފަސޭހަ، އަދި އެކަކު އަނެކަކުދެކެ ލޯބިވާ، ދޮގު ވާހަކަ ފެތުރުން ހުއްޓާލާ ވެއްޓަކަށް ބަދަލުކޮށްގެންކަމަށް ވިދާޅުވި އެވެ.
ގައުމުގެ މުސްތަގުބަލު ކަމުގައިވާ ކުދިންނަށް ހެޔޮ ނަމޫނާއެއް ނުދައްކައި، އަހަރެމެން އެކަކު އަނެކަކަށް އޯގާތެރި ނުވެއްޖެނަމަ، މާދަމާގެ ޖީލު އޮންނާނީ ނަފްސާނީ ގޮތުން ބަލިކަށި، ކުލުނާއި އޯގާތެރިކަމުން މަހުރޫމުވެފައިވާ މާހައުލެއްއިކަމަށް ވަޒީރު ވިދާޅުވި އެވެ.
ބުލީކުރުން ހުއްޓުވޭނީ ދޮގު ފެތުރުން ހުއްޓުވައި، ކުދިންނަށް ނަމޫނާ ދައްކައިގެންކަމަށް ތައުލީމީ ވަޒީރު ވިދާޅުވި އިރު ބުލީކުރުމަކީ ޖިނާއީ ކުށަކަށް ހަދައި އެފަދަ މައްސަލަތަކަށް ހަރުކަށި ޖިނާއީ ފިޔަވަޅުތައް އެޅުމަށް އެންޓި ބުލީ ގާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފަ އެވެ.
ސުކޫލުތަކުގައި ބުލީ ކުރުން ހުއްޓުވުމުގެ ސިޔާސަތުތަކެއް އެކުލަވާލުމާއި، ބުލީ ކުރާ ކުދިންނާ މެދު ފިޔަވަޅުއަޅާނެ ނިޒާމެއް އެކުލަވާލުމާއި، ގަވާއިދުން މައްސަލަ ސެންޓަރަލް އޭޖެންސީއަކަށް ހުށަހެޅުމާއި، ރަސްމީ މަންހަޖުގެ ތެރޭގައި މިކަމާ ގުޅޭ ކަންކަން ތަފްސީލު ކުރުމުގެ އިޖުރާއަތުތައް މި ބިލުގައި ހިމެނޭނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.