ENGLISH

29 އޭޕްރީލު 2026

Advertisement

"ޓެކްސީ ނަފާ" ލޯނުގެ ކަންބޮޑުވުންތަކަށް ގާނޫނުން ހައްލެއް ހޯދުމަށް މަސައްކަތް ކުރަނީ

29 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު ސައީދު

"ޓެކްސީ ނަފާ" ލޯނުގެ ކަންކަމަށް ގާނޫނުގެ ތެރެެއިން ހައްލު ހޯދުމަށް މަސައްކަތްކުރަމުން ދާކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓްރީ ނުވެ ހުއްޓައި ލޯނު އަނބުރާ ދެއްކުމަށް ލޯނު ދޫކުރި ފަރާތްތަކުން ތަކުރާރުކޮށް ބާރު ފޯރުވަމުންދާކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރި ޝަކުވާއަކާ ގުޅިގެން އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. 

ސޯޝަލް މީޑިއާގައި އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ޓެގް ކުރައްވައި މީހަކު ވަނީ ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓްރީ ނުވެ ހުއްޓައި ލޯނު އަނބުރާ ދެއްކުމަށް ލޯނު ދޫކުރި ފަރާތްތަކުން ތަކުރާރުކޮށް ބާރު ފޯރުވަމުންދާ ދިއުމާ ގުޅިގެން އެކަން ވަޒީރުގެ ސަމާލުކަމަށް ކަމަށް ގެނެސް މައްސަލައަށް ހައްލެއް ހޯދުމަށް އެދިފަ އެވެ. އަދި މި ކަންކަމާ ގުޅޭ ގޮތުން ވަޒީރާ ބައްދަލުކޮށް، ސީދާ ވާހަކަ ދެއްކުމުގެ ފުރުޞަތެއްހޯދުމަށް ވެސް އޭނާ ވަނީ އެދިފަ އެވެ. 

އެ ސިޓީއާ ގުޅިގެން ވަޒީރު ސައީދު ވަނީ، ޓެކްސީ ނަފާ ލޯނު ލިބިފައިވާ ބައެއް ފަރާތްތަކާ ކަމާ ގުޅުން ހުރި ފަރާތްތަކާ ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުވުމަށްފަހު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ޓެކްސީނަފާގެ ކަންކަން އަޑުއަހައި ޤާނޫނާއި ޤަވާއިދުތަކުގެ ތެރެއިން ހޯދެން އޮތް އަވަސް ހައްލެއް ހޯދައިދިނުމަށް އަވަސް މަސައްކަތެއް ކުރަމުންދާކަމަށެވެ. 

ޓެކްސީ ނަފާ ލޯނަކީ ޓެކްސީ ދުއްވަން ކާރު ގަންނަން ހާއްސަ ލޯނު ސްކީމެކެވެ. 

މި ލޯނު ސްކީމުގެ ދަށުން ޓެކްސީ ގަންނަން ތިން ލައްކަ ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ އެވެ. އެގޮތުން މިހާރު ޓެކްސީ ދުއްވާ މީހުންނާއި އަލަށް ޓެކްސީ ކުރަން ނިކުންނަން ބޭނުންވާ މީހުންނަށް ވެސް މި ލޯނަށް އެދެވޭނެ އެވެ. މި ލޯނުތައް ދޫކުރަނީ 6 އިންސައްތައާއި 8 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި ގިނަ ވެގެން ފަސް އަަހަރުގެ ތެރޭގައި އަނބުރާ ދައްކާ ހަލާސްކުރާ ގޮތަށެވެ. ގްރޭސް މުއްދަތަކީ ހަ މަސް ދުވަހެވެ. 

ކިޔުންތެރިންގެ ހިޔާލު