ENGLISH
29 އޭޕްރީލު 2026
ޝުޖާ ވިދާޅުވެދެއްވީ މަސްވެރިންނާމެދު ދެ ސަރުކާރުން ކަންކުރި ގޮތުގެ ތަފާތު
29 އޭޕްރީލު 2026
|
ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝުޖާ
އެންމެ މަޤްބޫލު
އިދިކޮޅު އެމްޑީޕީގެ ނިމުނު ވެރިކަމުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ ގޮތުން މަސްވެރިން ބާނާ މަސް ކިރުވާ އަގު ބޮޑުކުރުމަށްފަހު މަސްވެރިންނަށް ނުދީހުރި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ދައްކައި ހަލާސްކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުންކަމަށް ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީޙުގެ މެންބަރު އިބްރާހީމް ޝުޖާ ވިދާޅުވެއްޖެއެވެ.
ޝުޖާ މިފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން މަސްވެރިކަމަށް ކުރީ ސަރުކާރުގައި ވެފައި އޮތް އިހުމާލާއި އެ ސިނާއަތް ހަަލާކުކޮށްލި ގޮތް ސިފަކޮށްދެއްވަމުންނެވެ.
މެންބަރު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ކުއްލި ގޮތަކަށް އެއްވެސް ރޭވުންތެރިކަމެއް ނެތި މަސްވެރިން ބާނާ މަސް ކިރުވާ އަގު 25 ރުފިޔާއަށް އެއިރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޮޑުކުރެއްވީ މަސްވެރިންނަށް އެމަނިކުފާނުގެ ހެޔޮފުޅުކަން ދައްކަވައިގެން ވޯޓު ހޯއްދެވުމުގެ ބޭނުމުގައި ކަމަށެވެ.
"އޭގެ ބޭނުމަކަށްވީ މަސްވެރިންގެ ވޯޓު ހޯދުން ނަމަވެސް ނަތީޖާއަކަށްވެގެންދިޔައީ، ބާނާ އެއްވެސް މަހަކަށް މަސްވެރިންނަކަށް ލާރިއެއް ނުދޭ އެމްޑީޕީގެ ވެރިކަމުގައި. 900 ވަރަކަށް މިލިއަން ރުފިޔާ މަސްވެރިންނަށް ނުދީ އެބައޮތް މިހުރިހާ ފައިސާއެއް ދިނީ ރައީސް މުއިއްޒުގެ ސަރުކާރުން،" ޝުޖާ ވިދާޅުވިއެވެ.
ޝުޖާ ވިދާޅުވީ މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ ބާނާ މަސް ކިރުވުމަށްފަހު ފައިސާ ނުލިބުން ކަމަށެވެ. އަދި މަސްވެރިންނާ މަޝްވަރާކުރައްވައިގެން މަސްވެރިންނަށް ފައިސާ ދެވޭނެ އަގަކަށް މަހުގެ އަގު ތިރިކުރައްވައި، 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރެވޭނެ އިންތިޒާމު މި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އަދި ބޮޑުކަންނެލި މަސްވެރިންނަށް ކުރިން މިފްކޯއަށް މަސްކިރުވުމަކީ ކުރެވުނު ކަމެއް ނޫންކަން ފާހަގަކުރައްވަމުން ޝުޖާވަނީ މިހާރު މިފްކޯއަށް ބޮޑުކަންނެލި ކިރުވޭކަމަށް ވިދާޅުވެފައެވެ. އަދި ޝުޖާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރައީސް ވައުދުވެވަޑައިގަތް ގޮތަށް އެމަނިކުފާނު ވިދާޅުވި އަގުގައި ބޮޑުކަންނެލި ގަނެވޭނެ ކަމަށެވެ.
އިތުރަށް ޝުޖާ ވިދާޅުވީ މަސްވެރިންނަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުންކަމުގައިވާ އަގުހެޔޮކޮށް ތެޔޮ ނުލިބުމުގެ މައްސަލަ ހައްލުކުރުމަށް، އެސްޓީއޯ ރޭޓުގައި އަތޮޅު ތެރެއިން މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ހިޔާލެއް އެމްޑީޕީގެ ދެ ސަރުކާރުގައިވެސް ނެތް ކަމަށެވެ. މިހާރު އެސްޓީއޯއިން މިހާރު އެހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެ ހިދުމަތް ފުޅާކޮށްފައިވަނީ މި ސަރުކާރުގައިކަން ޝުޖާ ފާހަގަކުރެއްވިއެވެ.
އެމްޑީޕީން 2018 ވަނަ އަހަރު ހުށަހެޅި ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ހިމެނުނު ކަންކަމުގެ ތެރެއިން ގޭދޮށު މަސް ފެކްޓަރީ ނޭޅުނުކަމާއި، ދުރުގައި ބޮޑެތި އޮފްޝޯ ރިގު އަޅައި މަސްވެރިންނަށް ގާއިމުކޮށްދޭން ވައުދުވި ގޮތަށް އެންމެ ޕްލެޓުފޯމެއްވެސް ގާއިމުނުކުރެވުނުކަން މެންބަރު ފާހަގަކުރެއްވިއެވެ.