ENGLISH

29 އޭޕްރީލު 2026

Advertisement

އައްޑޫ ސިޓީގެ ފޭދޫ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ސްކޫލް ލައިބްރަރީ އަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

29 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

އައްޑޫ ސިޓީ ފޭދޫ ސްކޫލްގައި ހިނގި އަލިފާނުގެ ހާދިސާ ނިއްވާލައިފި-- ފޮޓޯ: އެމްއެންޑީއެފް

އައްޑޫ ސިޓީ ފޭދޫ ސްކޫލް ލައިބްރަރީ ބޭރުގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި އެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 08:20 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައި ކަމަށް އެ ހިދުމަތުން ބުނެފައިވެ އެވެ. ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މިއަދު 08:56 ހާއިރުކަމަށް ވެސް ބުންޏެވެ. 

އެމްއެންޑީއެފް އިން ބުނީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައެއް ނުވާކަމަށެވެ. 

އައްޑޫ ސިޓީ ކައުންސިލުން އާއްމުކޮށްފައިވާ މަޢުލޫމާތުގައި ބުނީ، މި ހާދިސާގައި ފޭދޫ ސްކޫލްގެ ލައިބްރަރީއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ސްކޫލްގެ ކިޔެވުން މެދުކަނޑާލާފައިވާ ކަމަށެވެ. 

އައްޑޫސިޓީ ކައުންސިލް އިދާރާ އާއި ފޭދޫ އަވަށު އޮފީހާއި ގުޅިގެން ސްކޫލް ސާފުކޮށް އަލުން ބޭނުން ކުރެވޭ ހާލަތަށް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށްވެސް ބުނެފައިވެ އެވެ.

ކީ ސްޓޭޖުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެމުން އަންނަ ފޭދޫ ސްކޫލަކީ އެ އަވަށުގެ ހަމައެކަނި ސްކޫލެކެވެ. އެތަނުގައި ކިޔަވާ ދަރިވަރުންގެ އަދަދު 500 އަށް ވުރެ ގިނަ އެވެ. ފޭދޫ ސްކޫލް ހުޅުވާފައިވަނީ 1972 ގަ އެވެ.

ފޭދޫ ސްކޫލްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގި އިރު، ގއ. ވިލިގިނލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ވެސް މި މަހުގެ 3 ވަނަ ދުވަހުގެ ރޭ އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު